މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، ކަންކަން އެނގި ތިއްބަވައިގެން ކޮންމެ ކަމަކީ ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތެއް ކަމަށް ދެކޭނަމަ ދުވަހަކުވެސް ސިޔާސީ ހަމަޖެހުމެއް މިޤައުމަށް ނާންނާނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލައިގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ޝާހިދު ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އެމްޑީޕީގެ މެމްބަރަކަށް ވީތީ ސިޔާސީ ފިޔަވަޅު އަޅަމުންދާ ކަމަށް ތުހުމަތުކޮށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ޝާހިދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ފާޑުވިދާޅުވުމުގެ ކުރިން ޤާނޫނީ ހަމަތަކާއި، ކައުންސިލަރު ޕާޓީ ބަދަލުކުރެއްވި ތާރީޚާއި، ޑިމޮކްރެޓްސް އުވާލި ތާރީޚު އަދި ކައުންސިލަރު ހުވާކުރެއްވި ތާރީޚު ރަނގަޅަށް ދިރާސާކުރެއްވުން މުހިންމު ކަމަށެވެ. އަދި މިކަމުގައި ސުވާލެއް އުފެދޭ ނަމަ ކައުންސިލަރުގެ ހައްޤުގައި ކޯޓަށް ވަޑައިގެނެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ އިންތިހާބުވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެވަޑައިގެންފައެވެ. އެލްޖީއޭއިން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން އޭނާގެ މަގާމު ގެއްލިފައިވާ ކަމަށެވެ.
އެލްޖީއޭގެ ބޯޑުން މިހާރު ވަނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި، ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އަންގަން ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ އޭނާ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭތީއެވެ.

