ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ބިންތައް ވިޔަފާރިތަކަށް ހާއްސަކުރަން ހުއްދަ ދިނުމަކީ މި ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތިބި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެކަށީގެންވާ ބިންތަކެއް ނެތުމާއެކު، ބޯހިޔާވެހިކަމަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރިކުރެވޭނެ ގޮތް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.
”އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދައި، މިތަނުގައި އުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގުވެސް ތަނަވަސްކޮށްދޭން،“ މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމަކީ ބޯހިޔާވެހިކަމަށް ދޫކުރި ބިންތަކުގައި އަމިއްލަ ފަރާތްތަކުން އިންވެސްޓުކޮށްގެން ޕްރީ ސްކޫލް، ކްލިނިކް ނުވަތަ ޝޮޕިން ކޮމްޕްލެކްސް ފަދަ ތަންތަން އަޅައިގެން ފައިދާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިހާރު އެ ބިންތަކަކީ ހަމައެކަނި ދިރިއުޅުމަށްޓަކައި ވަކި ގޮތަކަށް ތަރައްގީ ކުރުމުގެ ހުއްދަ ދީފައިވާ، ”ތަޅުއެޅުވިފައި“ ހުރި ބިންތަކެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
މާލޭގައި ހުރި ބިންތަކުގައި ވިޔަފާރި ބޭނުމަށް އެކި ކަންކަން ކުރެވޭ ފަދައިން، ހުޅުމާލޭގައި ހުރި ބިންތަކުގައި ވެސް އެފަދަ ފުރުސަތުތައް އޮންނަން ޖެހޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މީގެ ސަބަބުން ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބި، އެ ސަރަހައްދު ތަރައްގީކުރަން ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން 1,409 ގޯތި އަދި ފޭސް 3 އިން 699 ގޯތި ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ގޯތިތައް މިހާރު ވަނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފަ އެވެ. މި ބިންތަކުގައި އިމާރާތްކުރުމަށް އެހީތެރިވުމުގެ ގޮތުން މި ސަރުކާރުން ”ހިޔާވެހި“ ނަމުގައި ފައިނޭންސިން ސްކީމެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

