މާލޭގެ ގ. ފުންފަޅުގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާތަނަށް 95,000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ސިއްހީ މައްސަލަތައް ކުރިމަތިވި ޖުމްލަ 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އަދި ހާދިސާގެ އަސަރުކުރި 109 މީހުންގެ ތެރެއިން ގިނަ ބަޔަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް އެންޑީއެމްއޭގެ ބެލުމުގެ ދަށުން ވަނީ ހަމަޖައްސައިދީފައެވެ.
އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި، އަލިފާން ރޯވި ފަންގިފިލާގައި ދިރިއުޅެމުންދިޔަ 16 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ހުރިހާ ޒަރޫރީ އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި އެމީހުންގެ ހުރުމާއި ކެއުމުގެ ހަރަދުތައް ހިމެނެއެވެ.
މި ހާދިސާގައި އިމާރާތަށާއި މީހުންގެ މުދަލަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާރު ވަނީ ފަށާފައެވެ. މި އެސެސްމަންޓަށް ފަހު ލިބުނު ގެއްލުމުގެ ތަފްސީލީ ރިޕޯޓެއް އެކުލަވާލެވޭނެއެވެ.
ފުންފަޅުގޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ހާއްސަ ތަހުގީގެއް ހިންގަމުންނެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ ގާތުން ހާލަތު މޮނިޓަރ ކުރަމުންނެވެ.

