މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ”ތިލަމާލެ ބްރިޖް“ މަޝްރޫއުގެ %74.9 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު ސައިޓުގައި އެންމެ ބާރުސްޕީޑެއްގައި ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖްގެ ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމެންޓްގެ ތެރެއިން %90.4 ސެގްމެންޓް މިހާރު ވަނީ ކާސްޓްކޮށް ނިންމާފައެވެ. އަދި އޭގެ ތެރެއިން %72.9 ސެގްމެންޓް މިހާރު ވަނީ ބްރިޖްގައި އިންސްޓޯލްކޮށް ގުޅާލެވިފައެވެ.
މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާއި ގުޅިފައިވާ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިލަފުށީގައި ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި އުޅަނދުތައް ދަތުރުކުރުމަށް ރޭމްޕެއް ހެދުމާއި، ވިލިމާލެ އަދި ތިލަފުށިން ބައެއް ބިން ހިއްކުންވެސް ހިމެނެއެވެ.
މި ބިޔަ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 26 އޮގަސްޓް 2021 ގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ. ޖުމްލަ 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖް/ކޯޒްވޭ ލިންކްގެ ދަށުން މާލެ އާއި ވިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލުމަށް މައިގަނޑު ތިން ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ތިލަމާލެ ބްރިޖަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއަށް ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާއިރު، މީގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ ލޯނު އެހީއެވެ. އަދި ބާކީ 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ދީފައިވާ ހިލޭ އެހީއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް އަންނަނީ މި މަޝްރޫއު އަވަހަށް ނިންމުމަށް ބާރުއަޅަމުންނެވެ. ބްރިޖްގެ މަސައްކަތް ނިމުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށާއި އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

