މިނިސްޓަރުން މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަނީ ވަކި މައުލޫއަކަށް ތައްޔާރުވެގެން ކަމަށާއި، މެމްބަރުން ހިތު ހުރި ސުވާލެއް ކުރިއަސް އެއަށް މިނިސްޓަރުން ޖަވާބުދޭން ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު އިބްރާހިމް ހުސެން ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް މިނިސްޓަރުން ހާޒިރު ނުކުރާ ވަރަށް 20 ވަނަ މަޖިލީހުގައި މިނިސްޓަރުން ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި، އަދި ސުވާލުތަކަށް އެކަށީގެންވާ ޖަވާބުވެސް މިނިސްޓަރުން ދެއްވާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން އުޅެނީ ސަރުކާރަށް ޖެއްސުން ކުރަން ކަމަށާއި އަދި މަޖިލީހުގެ ތަޅުން ހޫނުކޮށް ކަންކަން މަޑުޖެއްސުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މަޖިލީހަށް މިނިސްޓަރު ހާޒިރުކުރަނީ ކުރިން ސުވާލު ހުށައަޅައިގެން ކަމަށާއި އެ ސުވާލުގެ ބޭރުން އިތުރު ސުވާލުކުރިނަމަވެސް އެކަމަށް މިނިސްޓަރުން ތައްޔާރަށް ފަހަރެއްގައި ނުތިބެފާނެ ކަމަށެވެ. އެހެންނަމަވެސް ބައެއް ހާލަތްތަކުގައި ސުވާލުގެ ބޭރުން ނުވަތަ އޮތް މައުލޫއަކާއި ބޭރުން ސުވާލުކުރާއިރު އެ ސުވާލުތަކަށް ޖަވާބު ނުދެއްވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއީ ކޮންމެހެން ޖަވާބުދޭން ޖެހޭ ސުވާލުތަކެއްވެސް ނޫން ކަމަށެވެ.
”އަބަދުވެސް އެބޭފުޅުން ބޭނުންވާނީ ނިއުސްތަކުގައި ސުރުހީ ހަދާ، އެ ދުވަހެއްގެ ނިއުސްތަކުގެ ޓޮޕްގައި ތިބެން. އެހެންކަމަށް ވާނަމަ އެ ބޭފުޅުން އަބަދުވެސް ބޭނުންވާނީ މިއަދުވެސް ސަރުކާރުން، ޕީއެންސީން ކުރަނީ ރަނގަޅުކަމެއް ނޫން ގޮތުގައި ދައްކައިގެން، އެބޭފުޅުން ވެރިކަމަށް ވަޑައިަތުމަށް ޓަކައި ދައްކާ ހުއްޖަތެއް ގޮތުގައި އަޅުގަނޑު ދެކެނީ“
މެމްބަރު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މިނިސްޓަރުންނަށް ވަކި ސުވާލެއް ކުރެއްވީމާ އެއަށް ޖަވާބު ނުދެއްވާ ޕީއެންސީގެ މެމްބަރުން ނުގުޅޭ ސުވާލެއް ކުރަމުންދާކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވާ ކަމަށް ފާހަގަކުރައްވާ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވީ، އެމްޑީޕީމް ބޭނުންނުވާ ގޮތަށް ޖަވާބު ނުލިބުމުން މަޖިލީހުގެ ފްލޯ ހޫނުކުރަން މަސައްކަތް ކުރަނީ ކަމަށެވެ.
ބައެއް ހާލަތްތަކުގައި ޕީއެންސީގެ މެމްބަރުން ކުރައްވާ ސުވާލުތަކަށްވެސް ޖަވާބު ނުދެވޭ ހާލަތްތައް އަންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިނިސްޓަރު މަޖިލީހަށް ވަޑައިގަންނަވަނީ އެ ދުވަހެއްގެ މައުލޫއަށް ތައްޔާރުވެގެން ކަމަށާއި އޭގެން ބޭރުން މެމްބަރުން ހިތު ހުރި ސުވާލެއް ކުރިއަސް މިނިސްޓަރު ޖަވާބު ދޭން ނުޖެހޭނެ ކަމަށެވެ.

