ރާއްޖޭގައި މިނިވަންކަމާއެކު ހިނގާ މަކަޒީ ބޭންކެއް ހުރިނަމަ ދިވެހި ފައިސާގެ އަގަށް ބޭނުންހާ ގޮތެއް ހަދާއިރު ބަލަހައްޓައިގެން ނުތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޝިފާއު ވިދާޅުވީ ސަރުކާރަށް އާންމު ރައްޔިތު މީހާގެ އަސާސީ ބޭނުމަށްވެސް ޑޮލަރު ނުދެވޭ ކަމަށެވެ. އަދި ވިޔާފާރި ބޭނުމަށްވެސް ޑޮލަރު ނުދެވޭ ކަމަށެވެ. ޝިފާއު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ވަރަށް ދޯހަޅި ކަމަށާއި ސަރުކާރުން ކުރާ ކަންކަން ހަމަނުޖެހޭ ކަމަށެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ފައިނޭންޝިއަލް ބޮޑީތައް ރެގިއުލޭޓްކުރަނީ ސެންޓްރަލް ބޭންކުން ކަމަށް ޝިފާއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއަދު އެމްއެމްއޭ އޮތީ މާ ބޮޑަށް ސިޔާސީ ކޮށްފައި ކަމަށެވެ. އެތަނުގައި ޑިޕާޓްމެންޓުތަކުގެ ވެރިންނަށް ތިބީ ސިޔާސީ މުވައްޒަފުން ކަމަށާއި އެމްއެމްއޭގައި ތިއްބެވި މާލީ ކަންކަމާއި ބެހޭ ރަނގަޅު ބޭފުޅުން ކަމެއް ރަނގަޅަށް ވިދާޅުވިޔަސް އެކަން ގާބުލުނުކުރައްވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
އެމްއެމްއޭގައި ތިބި ޕްރޮފެޝަނަލް ބޭފުޅުން ބޭރުކޮށް، ތަނަށް ސިޔާސީ މުވައްޒަފުން އިތުރުކޮށް މުޅިތަން އެއްކޮށް ސިޔާސީ ހާއްޔަކަށް ބަދަލުކޮށްފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ. މިއަދު ސަރުކާރުން ބީއެމްއެލްވެސް ބޭނުންކުރަނީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަަލަ ހައްލުނުވަނީ މާލީ ވުޒާރާއާއި އަދި އިދާރާތައްވެސް މާބޮޑަށް ސިޔާސީ ވެގެން ކަމަށް ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ ރާއްޖޭގައި މިނިވަންކަމާއެކު ހިނގާ މަކަޒީ ބޭންކެއް ހުރިނަމަ ދިވެހި ފައިސާގެ އަގަށް ބޭނުންހާ ގޮތެއް ހަދާއިރު ބަލަހައްޓައިގެން ނުތިބޭނެ ކަމަށެވެ. ޝިފާއު ވިދާޅުވީ ކަންކަމުގައި ބަސް ބުނުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެންނަމަވެސް ތަނުގައި ތިއްބަވާ ޕްރޮފެޝަނަލް ބޭފުޅުން ދައްކަވާ ވާހަކަ ނުވަތަ ދޭ ހިޔާލުތައް ބޮލާލާ ޖަހާ، ސަރުކާރުން އެކަން ބަލައިނުގަތުމަކީ މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިއަދު ސަރުކާރުގެ މާލީ ސިޔާސަތު ރަނގަޅުކަމަށް ބުނާ ނަމަ އޭގެން ރައްޔިތުންނަށް ވީ ފައިދާއެއްވެސް އޮންނަން ޖެހޭ ކަމަށެވެ.

