ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި ރައްޔިތުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މާވަށު ދާއިރާގެ މެންބަރު އަޙުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ޝާކިރު ވަނީ މި މަޝްރޫއާ ގުޅޭގޮތުން ސުވާލު ފޮނުވިތާ 306 ދުވަސް ވެފައިވާކަން ފާހަގަކުރައްވައި، ކުރީ ސަރުކާރުގެ ވާހަކަ ނުދައްކަވައި މަޝްރޫއު ފެށޭނެ އަދި ނިމޭނެ ސީދާ ތާރީޚެއް ހާމަކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ސުވާލުގެ ޖަވާބުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި މަޝްރޫއަކީ 2023 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތެއް ނަމަވެސް، އަމަލީ މަސައްކަތް ހަގީގަތުގައި ފެށުނީ މި ސަރުކާރުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 20 އޮކްޓޫބަރު 2025 ގައެވެ.
”ހަޤީގަތުގައި ލ. ހިތަދޫ ކުނަހަންދޫ ކޯޒްވޭ މަޝްރޫއުގެ މަސައްކަތް ފެށުނީ މިސަރުކާރުގައި… މަސައްކަތްތަށް އެންމެ ބާރު ސްޕީޑުގައި ކުރިއަށް ނުދިޔަސް އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ މެދުތެރޭ ހިސާބުގައި ހިތަދޫ ކުނަހަންދޫ ކޯޒްވޭގެ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް އެތަން ބޭނުންކުރެވޭނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއަކީ 22 ޖެނުއަރީ 2023 ގައި ސޮއިކޮށް، އެ އަހަރުގެ ސެޕްޓެމްބަރު މަހު މޮބިލައިޒްކުރި މަޝްރޫއެކެވެ. ނަމަވެސް އޭރު ކުރެވުނީ ހަމައެކަނި ސާވޭ އާއި ޖިއޯޓެކްނިކަލް މަސައްކަތްތައް ކަމަށާއި، އެ މަސައްކަތްތައް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިހާރު ޖިއޯޓެކްނިކަލް މަސައްކަތްތައް ނިންމައި، ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޑީޓެއިލްޑް ޑިޒައިން ވަނީ އެޕްރޫވްކޮށްފައެވެ.
ޖުމްލަ 81 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 500 ދުވަހުގެ މުއްދަތެކެވެ. މަޝްރޫއުގެ ދަށުން 390 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 157.5 މީޓަރުގެ ދެ ބްރިޖް އެޅުމުގެ އިތުރުން 714 މީޓަރުގެ މަގެއް ހެދުން ހިމެނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސައްކަތްތައް އެންމެ ބާރު ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް، މިހާރު ބަލްކް ކާސްޓްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމައި ރައްޔިތުންނަށް ކޯޒްވޭގެ ހިދުމަތް ލިބިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

