ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ފްލެޓްތަކުގެ އިންޓަނެޓް ހިދުމަތާ ގުޅޭ އެއްބަސްވުމުގައި ބޮޑެތި ޖޫރިމަނާތަކެއް ހިމަނައި، އެ އެއްބަސްވުމުގައި ސޮއިކުރުން މަޖުބޫރުކޮށްފިއެވެ.
އެފްޑީސީގެ ޕޯޓަލް ބޭނުންކުރެވޭނީ މި އެއްބަސްވުމުގައި ސޮއިކޮށްގެން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ކަނޑައަޅާފައެވެ.
މި އެއްބަސްވުމުގެ ދަށުން، އިންޓަނެޓް ހިދުމަތް ބޭނުންކުރަން ފަށާތާ 5 އަހަރު ނުވަނީސް ހިދުމަތް މެދުކަނޑާލައިފިނަމަ، 5,000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ. މީގެ އިތުރުން، އެފްޑީސީން ހުއްދަދީފައިވާ އޮޕަރޭޓަރުން ފިޔަވައި އެހެން ބައެއްގެ ހިދުމަތް ހޯދުމަށް ނެޓްވޯކް ބޭނުންކޮށްފިނަމަ ވެސް 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އިންޓަނެޓް ހިދުމަތް ދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކާ ގުޅޭގޮތުން ވެސް ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ރައުޓަރަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ 2,500 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. އަދި އެއްބަސްވުން އުވާލާތާ 14 ދުވަސް ތެރޭގައި ރައުޓަރު ހަވާލުނުކޮށްފިނަމަ ވެސް 2,500 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ކަމަށް އެފްޑީސީން ބުނެއެވެ.
މި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކުރާ 4,000 ހައުސިން ޔުނިޓުގައި ފައިބާ ކޭބަލް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި އެއްބަސްވުމުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

