މިއަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.8 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ އަހަރެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކައުންސިލުތަކަށް ޖުމްލަ 2.47 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ.
ކައުންސިލުތަކަށް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، މިހާރު ފައިސާ ދޫކުރުމުގައި ބަލާ އާބާދީގެ އިތުރުން، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލުތައް އުވާލުމަށް ނިންމާފައިވާ ނިންމުމާއެކު، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

