ރާއްޖޭގެ ގިނަ ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވަނީ ބޮޑުހިލަ ލިބުމުގެ ދަތިކަމާ ހުރެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވާ މައިގަނޑު ސަބަބަކީ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށެވެ. ނަމަވެސް، މި މަހުން ފެށިގެން ހިލަ ގެނައުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ދީފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ، ހިލަ ލިބުނުހާ އަވަހަކަށް ނިންމައިލެވޭ ހިސާބުގައި ގިނަ މަޝްރޫއުތަކެއް މިހާރުވެސް އެބަހުރި ކަމަށެވެ. އަދި މަސައްކަތްތައް މަޑުޖެހިފައި އޮތް ނަމަވެސް، ހުރިހާ ރަށެއްގެ މަސައްކަތްވެސް ކޮންމެވެސް ސިފައެއްގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ހުރި ދަތިތައް ހައްލުކޮށް، މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

