މިސަރުކާރުން ދެއްކި ސުކޫކު ސިފަވަނީ ”ކޮމެޓެއްގެ“ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ”ޑޮލަރެއް ނެތް“ ނަމުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.
އީވާ ވިދާޅުވީ ”ކޮމެޓެއް“ އައިސް އެކަމަކުން ސަލާމަތް ނުވެވިއްޖެއްޔާ އެއީ ބޮޑު ކާރިސާއެއްކަމަށެވެ. މިގޮތުން މިހާރު ފެނިގެން މިދަނީ އެމަންޒަރުކަމަށާއި ޑޮލަރުގެ ޝޯޓޭޖް ކަމަށް އީވާ ވިދާޅުވިއެވެ.
”މިސަރުކާރުން ދެއްކި ސުކޫކު ސިފަވަނީ ”ކޮމެޓެއްގެ“ ގޮތުގައި، އޭޕްރިލްމަހު ސުކޫކު ދެއްކީ ، މެއިމަހު އަޅުގަނޑުމެނަށް ޑޮލަރު ނުލިބުނީ ، އޭގެ ފަހުން ޖޫންމަހު ބޭންކުން މިބުނަނީ ތިމަނަމެން ރައްޔިތުންގެ ޑޮލަރު ނުއަގުގަ ގަންނަން ބޭނުމޭ“ އީވާ
މީގެ އިތުރުން އީވާވަނީ ވޯލްޑް ބޭންކުން ދިވެހިރާއްޖެއިން ސުކޫކް ދެއްކުމުން އެކަމަށް ތައުރީފުކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ. މިގޮތުން މިސަރުކާރުން މިއަހަރުގެ އޭޕްރިލްމަހު ސުކޫކު ދެއްކިފަހުން އޭގެ އެއްމަސް ދުވަސް ފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި އޮތީ ދިވެހިރާއްޖެއިން ސްކޫކް ދައްކައިފި ކަމަށާއި އެހެން ނަމަވެސް ގާތްގަނޑަކަށް 46 އިން ސައްތަ ރިޒާވް ދަށަށް ގޮސްފައިވާކަން ފާހަގަކޮށްފައިކަމަށް އީވާ ވިދާޅުވިއެވެ.
”ސުކޫކު އޭޕްރިލްމަހު ދެއކިއްޔާ އޭގެ ގާތްގަނޑަކަށް މަސްދުވަސް ފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި އޮތީކީ ޔޭ ދިވެހިރާއްޖެއިން ސުކޫކު ދައްކާފިއެކޭނޫން، ވޯލްޑް ބޭންކުގެ ރިޕޯޓުގައި އޮތީ ސުކޫކު ދައްކައިފިއޭ ނަމަވެސް ނަމަވެސް ނަމަވެސް … ސުކޫކު ދެއްކިއެއް ކަމަކު ގާތްގަނޑަކަށް 46 އިން ސައްތަ ރިޒާވް ދަށަށް ގޮސްފިއޭ… ޑޮލަރުގެ ޝޯޓޭޖް ތާށިކަން އަދި ކުރިއަށް އަދި އޮތީއޭ“ އީވާ
އީވާ ވިދާޅުވީ، މިގޮތުން ވޯލްޑް ބޭންކުންވަނީ ދޮޅުމަހުގެ އިމްޕެކްޓް ކަވަރ ނެތްކަމަށާއި އަދި ރިފޯމްތައްވެސް ނެތްކަން ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށެވެ. މީގެ އިތުރުން ޑޮލަރުގެ ޝޯޓޭޖް ތާށިކަން އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ކުރާނެކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް އީވާ ވިދާޅުވިއެވެ. އެހެން ކަމުން ވޯލްޑް ބޭންކުގެ ރިޕޯޓުންވެސް ހާމަވަނީ ކުއްލިއަކަށް އެއްފަހަރާ ސުކޫކު ދެއްކުމަކީ މާމޮޅުކަމެއް ނޫންކަމެއްކަން އީވާ ފާހަގަކުރެއްވިއެވެ. އޭޕްރިލް 2026 ގައި ރާއްޖެއިން ވޯލްޑް ބޭންކަށް 500 މިލިއަން ޑޮލަރު ދައްކަން ޖެހޭކަން ނޭނގޭ ރައްޔިތަކު މިޤައުމަކު ނޫޅެނެކަމަށް ވިދާޅުވެ އީވާވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ރައީސް ޑރ. މުއިއްޒު އަށާއި މިސަރުކާރުގެ އެކިއެކި ފިނޭންސް މިނިސްޓަރުންނަށާއި ފޮރިން މނިސްޓަރަށްވެސް އޭޕްރިލްމަހު ސުކޫކު ދައްކަން ޖެހޭކަން އިނގޭނެކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އޭޕްރިލް 2026 ގައި ދިވެހިރާއްޖެއިން ސުކޫކު ދެއްކީނޫން ކަމަށާއި ރީސްޓްރަކްޗަރ ކުރަން ނޭނގުނީކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާއިރު 8 ބިލިއަން ދިވެހި ރުފިޔާ ސަރުކާރުން ދައްކާފައިވަނީ އޭޕްރިލްމަހުގެ 3ވަނަ ދުވަހުއެވެ. މީގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރަސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ. މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެއެވެ.

