އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާތީ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވުމުން، މައިގަނޑު ތިން އިސްލާހަކާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު އެ ބިލު ފާސްކޮށްފިއެވެ.
މި ބިލަށް ގެނެވުނު މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ގުނަވަން ހަދިޔާކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ޝަރުތުތަކުގެ ތެރޭގައި މިހާރު ވަނީ ހިމަނާފައެވެ.
ބަންދުގައި ތިބޭ މީހުންނަކީ މިނިވަންކަން ގައިދުވެފައިވާ ބަޔަކަށްވާތީ، އެއްވެސް މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާކުރުމުގެ ރުހުން ދެވިދާނެ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ފެނިވަޑައިނުގަންނަވާތީ، އެ ފުރުސަތު ބިލުން ވަނީ އުނިކޮށްފައެވެ.
މީގެ އިތުރުން، މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމުގެ އަދަބެއްގެ ގޮތުގައި ކުރިން ބިލުގައި އޮތް ޤިސާސް ހިފުމާއި ދިޔަ ދިނުން ވަނީ އުނިކޮށްފައެވެ. އޭގެ ބަދަލުގައި އެފަދަ ކުށެއް ކުރާ މީހަކަށް ދެން ދެވޭނީ ޖަލު އަދަބާއި ޖޫރިމަނާ ކަމަށް ބިލުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ’އޯގަން ޓްރާންސްޕްލާންޓް ކައުންސިލް‘ އެއް އުފައްދަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

