ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސްކަމުން އިސްތިއުފާދެއްވި ފަހުން ނާޒިމް ފުރަތަމަ ފަހަރަށް މަޖިލީހަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވި ފަހުން ފުރަތަމަ ފަހަރަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންފިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ނާޒިމްގެ އިތުބާރު ނެތްކަމުގެ މަައްސަލަ ކުރިއަށް ގެންދަން ނިންމީ އޭނާ ނިސްބަތްވެވަޑައިގަންނަވާ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. ޕީއެންސީގެ 73 މެމްބަރަކު އޭނާ މަގާމުން ވަކިކުރުމުގެ ގަރާރުގައި ސޮއިކޮށް، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން ހަމަޖެހިފައި އޮއްވާ ނާޒިމް މަގާމުން އިސްތިއުފާ ދެއްވީ މެއި 31 ވަނަ ދުވަހުއެވެ.

އޭގެ ކުރިން މެއި 13 ވަނަ ދުވަހު ނާޒިމް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ގޮތަށް ހުންނެވީ މަޖިލީހުގެ މަސައްކަތްތަކާ ދުރުގައެވެ. އެހެންނަމަވެސް، ރާއްޖެއިން ބޭރަށް ވަޑައިގެންނެވިތާ ގާތްގަނޑަކަށް ދެ މަސް ފަހުން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނާޒިމް ވަނީ ބައިވެރިވެވަޑައިގެން ބިލުތަކަށް ވޯޓު ދެއްވައިފައެވެ.

މިއަދު އޮތް ދެ ވޯޓުގައި ވެސް ނާޒިމް ވޯޓު ދެއްވީ ޕީއެންސީގެ މެމްބަރުންނާ އެއްގޮތަށެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކުނި މެނޭޖްކުރުމުގެ ބިލު ބަލައިގަތުމާ ގުޅޭ ވޯޓާއި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ކޮމިޓީން ނިންމި ގޮތަށް ފާސްކުރުމާ ގުޅޭ ވޯޓުގައި އޭނާ ވޯޓު ދެއްވީ އެ ދެެކަމަށް ވެސް ތާއީދުކޮށެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ޕީއެންސީން އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ. އެގޮތުން އޭނާ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމަށާއި، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވި ކަމަށާއި، ޒިންމާ އަދާކުރުމުގައި ވަކި އަތަކަށް ބުރަވި ކަމަށް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން އޭނާ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަތަކުގެ ކޮމިޓީންނާއި މާލިއްޔަތު ކޮމިޓީން ވަކިކޮށްފައެވެ. އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ރަސްމީ ވަޓްސްއަޕް ގްރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްލައިފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިދިޔަ އީދު ބަންދުގައި ސިންގަޕޫރަށް ވަޑައިގަތީ ނާޒިމްއާ ބައްްދަލުކުރައްވައި މަޝްވަރާކުރައްވަން ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ނާޒިމްއާ ކުރައްވާނެ ދައްކާނެ ވާހަކައެއް ވެސް ކުރައްވާނެ މަޝްވަރާއެއް ވެސް ނެތް ކަމަށެވެ.

ނާޒިމްގެ އިތުބާރު ގެއްލުނު ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވޭނީ ޕީއެންސީގެ ޕޯޑިއަމެއްގައި ކަމަށެވެ. އޭނާއަށް އިތުބާރު ގެއްލުނު ސީދާ ސަބަބެއް މިހާތަނަށް ޕީއެންސީން ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: