މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ސައިބާ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުގެ މައްސަލަތައް 105 އިންސައްތަ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑަށް އިތުރުވެފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ތެރޭގައި ހިންގާ ސްކޭމްތަކެވެ. އެގޮތުން އޮންލައިން ޝޮޕިންގް ސްކޭމްތައް 439 އިންސައްތަ އިތުރުވެފައިވާ އިރު، މިއީ ކުށުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވާ ދާއިރާއެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާ ބޭނުންކޮށްގެން ހިންގާ ސްކޭމްތައް ވަނީ 626 އިންސައްތަ އިތުރުވެފައެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ވެސް މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ސައިބާ ކުށްތައް ޖުމްލަކޮށް އިތުރުވި ނަމަވެސް، ބައެއް ބާވަތްތަކުގެ ކުށްތައް މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ މަދުވެފައެވެ. އޭގެ ތެރޭގައި ބްލެކްމެއިލް ކުރުމާއި، ސޯޝަލް މީޑިއާ އެކައުންޓް ހެކްކުރުން އަދި ބޭންކް ކާޑުތައް ބޭނުންކޮށްގެން ހިންގާ ފްރޯޑްގެ މައްސަލަތައް ހިމެނެއެވެ.
މިފަދަ ކުށްތަކާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހެކްކޮށްފައިވާ 120 އަށްވުރެ ގިނަ ސޯޝަލް މީޑިއާ އެކައުންޓް ވަނީ އަނބުރާ ހޯދައިދީފައެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށްޓަކައި 3,000 އަށްވުރެ ގިނަ މީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

