ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނު ސަރަހައްދުތަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާތަކަކީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސައޫދީ އަރަބިއްޔާގެ އިސްތިގުލާލަށް އަރައިގަތުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދީ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސައޫދީގެ ދިފާއީ ބާރުތަކުން މައުލޫމާތު ދޭ ގޮތުގައި، ހޫތީން ފޮނުވާލި މިސައިލްތައް އެ ގައުމުގެ ދިފާއީ ނިޒާމުތަކުން ވަނީ ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ. މި ހަމަލާތަކާ ގުޅިގެން ހޫތީން ބުނެފައިވަނީ، މިއީ ސަންއާ އެއާޕޯޓަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ ސައޫދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ޓެރަރިޒަމްގެ މިފަދަ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

