މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
މިއީ ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން މަޢުލޫމާތު ދެއްވާގޮތުގައި، މިނިވަން ދުވަހުގެ ޖަލްސާގައި މި އިނާމު ލިބިވަޑައިގަންނަވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، އަދި ހަނދާނީ ލިޔުމެކެވެ.
މިއަހަރު މި އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، އަމިއްލައަށް ނުވަތަ އެހެން ފަރާތްތަކުން އިނާމަށް ނަން ހުށަހެޅި 130 ފަރާތެއްގެ ފޯމު ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ. އޭގެ ތެރެއިން މިނިވަން ދުވަހު އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށެވެ.
އިނާމަށް ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބާކީ ތިއްބެވި ބޭފުޅުންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ 2021 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދެއްވަމުން ގެންދަވާ ޚާއްޞަ އިނާމެކެވެ.

