ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭ.ޑީ.އެސް) ގެ ދަށުން 2026 ވަނަ އަހަރަށް ދެއްވުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކާ ގުޅޭ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް 152 މިލިއަން ޖަޕަނީސް ޔެން (1,020,134 އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.
2020 ވަނަ އަހަރުން ފެށިގެން ޖަޕާން ސަރުކާރުން ދެމުން އަންނަ މި އެހީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު ޒުވާނުން ބިނާކުރުމެވެ. މި ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މި ސްކޮލަރޝިޕް މަޝްރޫޢުގެ ދަށުން މިހާތަނަށް 17 ދަރިވަރުން ތަޢުލީމު ހާސިލްކޮށް ދަސްވެނިވެފައިވާއިރު، މިހާރުވެސް 9 ދަރިވަރަކު ޖަޕާނުގައި މަތީ ތަޢުލީމު ހާސިލްކުރަމުންދާކަން ފާހަގަކުރެވެއެވެ. މިއީ ޤައުމު އާރާސްތުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ފަންނީ މީހުން ބިނާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
މިއަދުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިނޭންސް، ސިވިލް ސަރވިސް ކޮމިޝަން އަދި ޖަޕާން އެމްބަސީ އާއި ޖައިކާ (JICA) ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

