ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީން ކުރަން ފެށުމުގެ ކުރިން ޔޫކޭއިން އައި 75 މީހެއްގެ ސާމްޕަލް ނެގި، އެންމެން ވެސް ބައްޔަށް ނެގެޓިވް!

ކަރަންޓީން ކުރަން ފެށުމުގެ ކުރިން ޔޫކޭއިން އައި 75 މީހެއްގެ ސާމްޕަލް ނެގި، އެންމެން ވެސް ބައްޔަށް ނެގެޓިވް! - ފޮޓޯ: ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްގެ ހާލަތު ގޯސްވެފައިވާ ޔޫކޭއިން އެނބުރި ރާއްޖެއަށް މިދިޔަ މަހުގެ 14 އާއި 19 ދެމެދު އައި 75 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށް އެ އެންމެންގެ ނަތީޖާވެސް ނެގެޓިވްވެފައިވާކަމަށް ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ރާއްޖެއަށް ޔޫކޭއިން އައި ހަތަރު ދިވެއްސަކު ކޮރޯނާއަށް ޕޮޒިޓިވްވެފައި ވީނަމަވެސް ރާއްޖޭގައި މިބަލި ފެތުރޭ ހާލަތަކަށް އަދި ގޮސްފައި ނުވެއެވެ. ބަލީގެ އަސަރު ފެނުނު ހަތަރު މީހުންނަކީ ވެސް ޔޫކޭގައި ދިރިއުޅުމަށްފަހު އެނބުރި ގައުމަށް އައި މީހުންނެވެ. އަދި އެ މީހުން ތިބީ، ރާއްޖެ އައުމާއި އެކު ކަރަންޓީން ފެސިލީޓީތަކުގެއެވެ. ބަލީގެ އަލާމާތްތައް ފެނި، ޓެސްޓު ކުރީ ވެސް އެތަނުގައެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ކަރަންޓީނަށް ދާން ޖެހެ އެވެ. އެ ނިންމުން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ފިޔަވަޅު ސަރުކާރުން އެޅުމުގެ ކުރިން ވެސް ޔޫކޭއިން ރާއްޖެއަށް ބައެއް ދިވެހިން އައިސްފައިވެ އެވެ. ޔޫކޭއިން އައި ދިވެހިންތަކެއް ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ގިނަ އާއްމުންވަނީ، ކަރަންޓީން ކުރުމަށް ނިންމުމުގެ ކުރިން އައި ދިވެހިންނާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ޓެސްޓް ކުރުމަށް ނިންމީ އެވެ.

ރާއްޖެއިން ބައްޔާއި ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކާއި، ހާލަތު ބަޔާންކޮށްދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެންއޯސީގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 75 އަށް ވުރެ ގިނަ މީހުން ޓެސްޓްކޮށްފައިވާ ކަމަށާއި އެ އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ. އަދި ސީދާ އަދަދު ފަހުން މީޑިއާތަކާއި ހިއްސާކުރައްވާނެ ކަމަށެވެ.

ކޮރޯނާ ވައިރަސްއިން ފެތުރިޔަނުދިނުމަށް އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ބޭރުގެ ގައުމުތަކުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަވި 300 މީހުން ވަނީ ދޫކޮށްލާފައެވެ. އަދި އެ އެންމެންވެސް ދޫކޮށްލާފައިވަނީ ޑަބަލް ނެގެޓިވް ވުމުންނެވެ. 

ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، އެ މީހުންގެ ކަރަންޓީން މުއްދަތަށް ބައްޔަށް ޓެސްޓުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދޫކޮށްލާނީ އެ މީހެއްގެ ނަތީޖާތައް ލިބި ބައްޔަށް ނެގެޓިވްވުމުން ނެވެ. އަދި އޭގެ އިތުރުން ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ”އެގްޒިޓް ސްކްރީނިން“ އެއް ވެސް ކުރާނެއެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: