މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއާއި ރަޝިއާ މާކެޓުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 18ގެ ނިޔަލަށް ރާއްޖެއަށް 1،173،922 (އެއް މިލިއަން އެއްލައްކަ ހަތްދިޔަ ތިންހާސް ނުވަސަތޭކަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4.7 ދަށް އަދަދެކެވެ.
މިއަހަރާއި އަދި މިދިޔަ އަހަރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އަދި ދެވަނައިގައި އޮތީ ރަޝިއާއެވެ. ރާއްޖެއަށް ފަތުރުވެރިން އައި ޖުމްލަ އަދަދު ދަށްވިނަމަވެސް ވަކިވަކި މާކެޓްތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ވަނީ ކުރިއެރުން އައިސްފައެވެ. އެގޮތުން ޗައިނާ އަދި ރަޝިއާ މާކެޓުންވެސް ކުރިއެރުން ހޯދާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައީ 195،363 (އެއްލައްކަ ނުވަދިހަ ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް) ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 170،210 (އެއް ލައްކަ ހަތްދިޔަ ހާސް ދުވިސައްތަ ދިހަ) ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %14.7 އިތުރުވުމެކެވެ.
ދެވަނައިގައި އޮތް ރަޝިއާ މާކެޓުންވެސް ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 167،314 (އެއްލައްކަ ފަސްދޮޅަސް ހަތް ހާސް ތިންސަތޭކަ ސާދަ) ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 142،899 (އެއްލައްކަ ސާޅީސް ދެހާސް އަށްސަތޭކަ ނުވަދިހަ ނުވަ) ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %17 އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 834،816 (އަށް ލައްކަ ތިރީސް ހަތަރު ހާސް އަށްސަތޭކަ ސޯޅަ) އެވެ. ގެސްޓްހައުސްތަކުގައި 262،171 (ދެ ލައްކަ ފަސްދޮޅަސް ދެ ހާސް ސަތޭކަ ހަތްދިހަ އެއް) ފަތުރުވެރިން އަދި ހޮޓެލްތަކުގައި 27،523 (ހަތާވީސް ހާސް ފައްސަތޭޚަ ތޭވީސް) ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 22،381 (ބާވީސްހާސް ތިންސަތޭކަ އަށްޑިހަ އެކެއް) ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

