ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނާއި ފަސާދަ ސަރުކާރު ތެރޭގައި އާންމުވުމުން ދައުލަތުގެ ކުންފުނިތައް ރަނގަޅަކަށް ނުހިނގާނެ: އަމީތު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާއި ފަސާދަ ސަރުކާރު ތެރޭގައި އާންމުވުމުން ދައުލަތުގެ ކުންފުނިތަކެއް ރަނގަޅަށް ނުހިނގާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އަމީތު ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި ތިބި 90 އިންސައްތަ މުވައްޒަފުންނަކީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ކޮންމެވެސް ބޭފުޅެއްގެ އާއިލީ މީހެއް ނުވަތަ ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނާއި ގުޅުންހުރި މީހެކެވެ. އަދި މީގެ އިތުރުން ކުންފުނިތަކުގެ ބޯޑަށް ލާފައި ހުންނަނީ ޕީއެންސީގެ ކޮންމެވެސް އެކްޓިވިސްޓެއްކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަމީތު ވިދާޅުވީ މިފަދަ މީހުން ކުންފުނިތަކުގެ އިސް މަޤާމުތަކަށް ލުމުން ކުންފުނިތަކުގެ ހިންގުން ރަނގަޅުކޮށް ހަރުދަނާ ގޮތެއްގައި ކުންފުނިތައް ނުހިންގޭ ކަމަށެވެ.

”ކޮރަޕްޝަނާއި ފަސާދަ ސަރުކާރު ތެރޭގައި އާންމުވީމާ ދައުލަތުގެ ކުންފުނިތަކެއް ރަނގަޅަށް ނުހިނގާނެ، ކުންފުނިތަކުގެ ބޯޑަށް މިސަރުކާރުން ލާފަ ތިބި މީހުން އަޅުގަނޑުމެން ރަނގަޅަށް ހޯދާ ބަލައިފިކަމަށް ވަނީނަމަ އަޅުގަނޑުމެނަށް ފެންނާނެ 90 އިންސައްތަ މުވައްޒަފުންނަކީ ކޮންމެވެސް މެމްބަރެއްގެ އާއިލީ މީހެއް ނުވަތަ ރައީސް ޑރ. މުއިއްޒު ނޫނީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުންނާއި ގުޅުންހުރި މީހެއް، ދެން ކުންފުނިތަކުގެ ބޯޑަށް ލާފައި ހުންނަނީ ޕީއެންސީގެ ކޮންމެވެސް އެކްޓިވިސްޓެއް، ދެން އެބޭބޭފުޅުން ކުންފުނިތަކުގެ ބޯޑަށް ލައިގެން ކޮން ސިޔާސަތެއްތޯ ރަނގަޅުވާނީ؟“ މުހައްމަދު އަމީތު

އަމީތު ވިދާޅުވީ އޭގެ ސަބަބުން ކުންފުނިތައް އިނދަޖެހި ބަނގުރޫޓުވަމުންދާ ކަމަށެވެ. އަދި ކުއްލި ކުއްލިއަށް ކުންފުނިތައް އުވާލުމުގެ ސަބަބުން ދޭހަވަނީ މިސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތްކަން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

އަމީތު މިސާލެއް ނަންގަވާ ތުހުމަތުކުރެއްވީ، އެޗްޑީސީގެ އެމްޑީކަން ކުރާ މީހުން ވެސް ހުޅުމާލޭގެ ބިންތައް ވަގަށް ނަގަމުންދާ ކަމަށެވެ. އަދި އެކަމުގައި އެބޭފުޅުންގެ މައްޗަށް އެއްވެސް ތަހުގީގެއް ނުހިންގައި، ފިޔަވަޅު ނޭޅުމަކީ މިސަރުކާރުގެ ކޮރަޕްޝަން ގޮސްފައިވާ ހިސާބު ދޭހަވާ މިސާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާ އާއި ވަކިވަރަކަށް ގާތްކަން އޮންނަ ކޮންމެ ބޭފުޅަކަށް ވީނަމަވެސް އެބޭފުޅާ ކޮންމެ ކަމެއް ކުރިއަސް އެއީކީ ބެލެން އޮންނަ މައްސަލައެއް ނޫން، އެހެންވީމަ މި ދަރަޖައަށް އިންސާފު ގެއްލި ހަމަހަމަކަން ގެއްލި ކޮރަޕްޝަނާއި ފަސާދަ މިސަރުކާރުގެ ތެރޭގައި އާންމުވެގެން ދިޔައީމަ ކުންފުންޏެއްވެސް ރަނގަޅަކަށް ނުހިނގާނެ،“ އަމީތު

އަމީތު އިތުރަށް ވިދާޅުވީ މިވަގުތު ސަރުކާރުގެ ކުންފުނިތައް ވެފައި މިއޮތީ ދައުލަތުގެ ބޮޑު ”ލައިބަލިޓީއަކަށް“ ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެއްވެސް ކަމެއް ރަނގަޅުވަމުންދާ މަންޒަރެއް ނުފެންނަ ކަމަށާއި މީގެ ހިތި އަސަރު ޤައުމަށް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ރައްޔިތުންގެ ހާލަތު ދަށްވަމުން ގޮސް ދިވެހިރާއްޖެ މިދަނީ ބަނގުރޫޓުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: