ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވައިލާފައިވާ ގާނޫނު އެދެވޭ ގޮތެއްގައި ތަންފީޒުވަމުން ނުދާކަމުގެ ކަންބޮޑުވުމާއެކު، ދައުލަތުގެ ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.
މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީކުރުވުމުގައި އެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، އިސްލާހުކުރުމަށް ބާރުއަޅާ ޒަމާނީ ގާނޫނެއް އޮތް ނަމަވެސް، މި ގާނޫނު ތަންފީޒުކުރުމުގައި އިދާރީ އަދި އޮނިގަނޑުގެ ތެރޭގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ގާނޫނުގައި ލާޒިމުކޮށްފައިވާ ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި ރިހެބިލިޓޭޓްކުރާ މަރުކަޒުތައް ބޭނުންވާ މިންގަނޑަށް ގާއިމުވެފައި ނެތުމުން، ކުށްކުރާ ކުދިން ބައިތިއްބާނެ ރައްކާތެރި މާހައުލެއް ގައުމުގައި ނެތްކަން ފާހަގަކުރެއްވިއެވެ.
މީގެ ސަބަބުން ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ކުދިން އެކަށީގެންވާ ފަރުވާއެއް ނެތި ގިނަ ދުވަހު ބަންދުގައި ބައިތިއްބަން ޖެހޭ މައްސަލަ ބޮޑުވެފައިވާއިރު، ކުދިން ޝަރީއަތަށް ފޮނުވުމުގެ ބަދަލުގައި މުޖުތަމައަށް އަހުލުވެރިކުރުވަން ހިންގަންޖެހޭ ޑައިވާޝަން ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާކުރެވިފައި ނެތުމާއި، ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަ ފުލުހުންނާއި ޕްރޮސިކިއުޓަރުން އަދި ފަނޑިޔާރުން ތަމްރީނުކުރުމުގެ މަސައްކަތް ލަސްވުމަކީ މުޅި ނިޒާމަށް އޮތް ހުރަހެއްކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި ޕްރޮބޭޝަން އޮފިސަރުންނާއި ސޯޝަލް ވޯކަރުންގެ އަދަދު މަދުވުމުގެ ސަބަބުން ކުދިން މޮނިޓާކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް ސިޓީގައި ވަނީ ބުނެފައެވެ.
ކުޑޫ އިތުރަށް ވިދާޅުވީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމާ ގުޅިގެން، އެއަށްވުރެ ހަގު ކުދިން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމުގައި ގާނޫނީ އަދި އިދާރީ ގޮތުން ބޮޑެތި އުނިކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި ޖުވެނައިލް ކޯޓަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ނުލިބުމުގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުން ކުޑަވުމަކީ ގާނޫނު ހިންގަން އޮތް ބޮޑު ހުރަހެއްކަމަށް ވަނީ ވިދާޅުވެފަ އެވެ. ކުޑޫ ވިދާޅުވީ ކުޑަކުދިންގެ ނާޖާއިޒު ފައިދާ ހޯދައިގެން އެ ކުދިން ލައްވައި ކުށްކުރުވާ ބޮޑެތި މީހުންނަށް ހައްގު އަދަބު ނުދެވޭނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ.
އެހެންވެ މި ހުރިހާ ކަންކަމަކަށް ހައްލެއް ހޯދުމަށްޓަކައި، ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.
މުޖުތަމައު ތެރޭގައި ހިނގާ މާރާމާރީތަކާއި، އެކި ބާވަތްތަކުގެ ކުށްތަކުގައި ކުޑަކުދިން ބައިވެރިވާ މިންވަރު އިތުރެވެ. އަދި ކުށުގެ މާހައުލުގައި އުޅޭ ކުދިންނާއި، ނާޒުކު ހާލަތެއްގައި ތިބި ކުދިންގެ އަދަދު ގިނައިރު މުވައްސަސާތަކަށް އެފަދަ މައްސަލަތައް ހައްލުނުކުރެވޭކަމުގެ ޝަކުވާ ބޮޑެވެ.
މީގެއިތުރުން 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުން، ކުޑަ ކުއްޖަކު ކުރާ ކުށަކަށް، އުމުރުން 18 އަހަރުވުމަށް ފަހު ވެސް މަރުގެ އަދަބު ނުދެވޭނެކަމަށް ވެސް ވަނީ ހިމަނާފަ އެވެ.

