ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޕާލް ރެޒިޑެންސީ“ އަކީ ސިޔާދަތީ ބާރުތަކަށް އޮތް ނުރައްކަލެއްކަމަށް ބުނެ، މައްސަލަ މަޖިލީހަށް!

ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރުން ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފުކުރި ”ޕާލް ރެޒިޑެންސީ“ ވިސާ ޕްރޮގްރާމަކީ ގައުމީ ސަލާމަތަށާއި ދައުލަތުގެ މާލީ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި، ސަރުކާރުން މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތާމެދު ބޮޑެތި ތުހުމަތުތައްކޮށް، ސުވާލު އުފައްދާފައި ވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވި އިންވެސްޓާ ފޯރަމްގެ ތެރެއިން، މި ޕްރޮގްރާމް ފަރުމާކުރަން ހަވާލުކޮށްފައި ވަނީ ”ހެންލީ އެންޑް ޕާޓްނާސް“ ކުންފުންޏަށެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވާގޮތުން، މި ޕްރޮގްރާމްގެ މާލީ އަދި ގާނޫނީ ތަފްސީލުތައް މަޖިލީހަށާއި ރައްޔިތުންނަށް ވަނީ ސިއްރުކޮށްފައެވެ. މިއީ ގާނޫނުއަސާސީގެ 70، 96 އަދި 97 ވަނަ މާއްދާއާ ސީދާ ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ޝަމްހީދު ވަނީ ބިދޭސީންނަށް ރެސިޑެންސީ ދިނުމަކީ އިމިގްރޭޝަނާއި، ގައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ ބިންތަކާ ގުޅިފައިވާ ސިޔާދަތީ ކަމަކަށް ވާއިރު، މިކަމުގެ ސަބަބުން ދައުލަތުގެ ތެރޭގައި ވަކި ދައުލަތެއް އުފެދުމުގެ ބިރު އޮތްކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގެ ސަބަބުން ދައުލަތުގެ މާލީ ނިޒާމަށް ލިބޭނެ ގެއްލުންތަކާއި ގުޅޭގޮތުން ޝަމްހީދު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން ބޭންކުތަކުގައި ފައިސާ ބަހައްޓައިގެން ރިޒާވް ވަރުގަދަކުރަން އޮތް ނިޒާމު ބަދަލުކޮށް، ބޭރުގެ ޑިވެލޮޕަރުންގެ އަތުން ވިލާ ގަތުމުން ދާއިމީ ހުއްދަ ލިބޭ ގޮތަށް ހެދުމުން ދައުލަތުގެ ބޭންކިން ނިޒާމަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ދަށުން ޓެކްސްގެ ބޮޑެތި ލުއިތަކެއް ދީފައިވުމުން، 250,000 ޑޮލަރުގެ މުއާމަލާތަކުން ދައުލަތަށް ލިބެނީ އެންމެ 2,500 ޑޮލަރުކަން ފާހަގަކުރައްވައި ވަނީ މިއީ ދައުލަތަށް ލިބޭ ބޮޑު ގެއްލުމެއްކަމަށް ވިދާޅުވެފަ އެވެ

ޝަމްހީދު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ކަނޑު ވިއްކާލިކަމަށް ބުނެ ގައުމީ ސިޔާދަތުގެ ވައުދުގެ މައްޗަށް ބިނާކޮށް ވެރިކަމަށް އައި ސަރުކާރަކުން، ރާއްޖޭގެ ފަޅުތަކާއި ރަށްތައް ބޭރުގެ ކުންފުންޏަކަށް ދީގެން ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމަކީ ރައްޔިތުންގެ ނިންމުމާ ސީދާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގާ ”ހެންލީ އެންޑް ޕާޓްނާސް“ އަކީ މީގެ ކުރިން މޯލްޓާގައި ހިންގި ޕްރޮގްރާމެއްގެ ސަބަބުން ބައިނަލްއަގުވާމީ ކޯޓުތަކުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅާފައިވާ ކުންފުންޏެއްކަމަށް ވިދާޅުވި އެވެ.

ގަރާރުގައި ގޮވާލާފައި ވަނީ މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އިންވެސްޓްމަންޓް މެދުވެރިކޮށް ރެސިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން މި ޕްރޮގްރާމް ހުއްޓާލުމަށެވެ. އަދި މިކަމާ ގުޅޭ އެއްބަސްވުންތައް މަޖިލީހަށް ހުށަހެޅުމަށާއި، އޭސީސީ އާއި އޮޑިޓަރ ޖެނެރަލް އަދި އެފްއައިޔޫ ގުޅިގެން މިކަން ތަހުގީގު ކުރުމަށް ގޮވާލާފައި ވެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަދި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ޝަމްހީދުގެ ގަރާރުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: