ރާއްޖޭގައި ގާނޫނީ ތައުލީމު އުނގަންނައިދޭ މަރުކަޒުތަކުން ހިންގާ ޑިގްރީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެ ކޯސްތަކުގެ އިމްތިހާނުތަކަކީ ކިޔަވާ ފަރާތްތައް ހާޒިރުވެގެން ހަދަންޖެހޭ އިންތިހާނެއްގެ ގޮތުގައި ބާ ކައުންސިލުން ކަނޑައަޅައިފިއެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ފަސްވަނަ ބައްދަލުވުމުގައި ނިންމާފައިވާ މި ނިންމުމާ އެކު، އޮގަސްޓް 1، 2026 އިން ފެށިގެން ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ހުރިހާ ގާނޫނީ ޑިގްރީ ޕްރޮގްރާމްތަކެއްގެ އިމްތިހާނުތައް ކުރިއަށްގެންދަން ޖެހޭނީ އެ މީހަކު އިމްތިހާނަށް ހާޒިރުވެގެންނެވެ. މީގެ ތެރޭގައި މިހާރު ހިންގަމުންދާ ކޯސްތަކާއި އަދި ކުރިން އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމްތައް ހިމެނެއެވެ.
ބާ ކައުންސިލުން ”ހާޒިރުވެގެން“ އިމްތިހާނު ހެދުން މާނަކޮށްފައިވަނީ، އިމްތިހާނު ހަދާ ދަރިވަރުންނާއި އިންވިޖިލޭޓަރުން އެއް މާހައުލެއްގައި ތިބެގެން، ކަނޑައެޅިފައިވާ ވަގުތެއްގައި، ކައުންސިލުގެ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓިގެން ކުރިއަށްގެންދާ އިމްތިހާނުތަކަށެވެ. މިއީ މީގެކުރިން އޮންލައިންކޮށް އިމްތިހާނު ހެދުމަށް ދީފައިވާ ފުރުސަތުތަކަށް އައި ބޮޑު ބަދަލެކެވެ.
އިމްތިހާނުތަކުގެ އިތުރުން، ގާނޫނީ ދާއިރާގެ ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުތުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށްޓަކައި، އައިއެލްޓީއެސް އިން 6.0 އަށް ވުރެ މަތީ ސްކޯއެއް ނުވަތަ ޓޯފުލްއިން 4 އަށް ވުރެ މަތީގެ ސްކޯއެއް ހޯދަން ޖެހެއެވެ.
މީގެ އިތުރުން، އެމްކިއުއޭ ގަބޫލުކުރާ ފައުންޑޭޝަން ޕްރޮގްރާމެއްގެ އިނގިރޭސި މޮޑިއުލްތަކުން ސީ ފާހަށް ވުރެ މަތީ ނަތީޖާއެއް ހޯދާފައިވުން ވެސް މިހާރު ލާޒިމުވާނެއެވެ.
ބާ ކައުންސިލުން އަލަށް އެކުލަވާލި މި މިންގަނޑުތަކުގެ ދަށުން، އެލްއެލްބީ ޕްރޮގްރާމްތަކުގައި ކޮންމެހެން ހިމަނަންޖެހޭ މައިގަނޑު މާއްދާތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގާނޫނީ ނިޒާމު، ދުސްތޫރީ ގާނޫނު، އިދާރީ ގާނޫނު، ޖިނާއީ ގާނޫނު، މުއާމަލާތާބެހޭ ގާނޫނު އަދި ގާނޫނީ އަޚުލާގު ހިމެނެއެވެ. އަދި ކިޔަވައިދޭ ލެކްޗަރާ ބޭފުޅުންނަކީ މަދުވެގެން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް ވެސް އާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލި މި އާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

