ރަށްރަށުގައި ފަށާފައިވާ އަސާސީ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ސަރުކާރުގެ މިސްރާބު އޮޅިފައިވާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވީއިރު ގިނަ ރަށްތަކެއްގެ މަޝްރޫޢުތައް 99 އިންސައްތަ ނިމިފައި ހުރި ނަމަވެސް، މިހާރު އެ މަސައްކަތްތައް ނުނިމި ދެ އަހަރު ވެގެންދިއުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް ފާހަގަކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ހިދުމަތްތައްކަމަށްވާ ފެނާއި ނަރުދަމާ، ބަނދަރު، ސްކޫލް އަދި ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ބާކީކޮށް އެއްފަރާތް ކުރުމަށް ފަހު، މި ސަރުކާރުން އިސްކަންދެނީ ރައްޔިތުންނަށް އޮޅުވާލެވޭ ފަދަ ”މޮޅެތި“ ވާހަކަތައް ދެއްކުމަށް ކަމަށެވެ. އެގޮތުން ރަސްމާލެ މަޝްރޫއާއި، އަގުބޮޑު ޑްރޯންތައް ގަތުމާއި، ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމާއި، ކަނޑުއަޑީގެ ބިއްލޫރި ޓަނަލް ފަދަ، މިވަގުތަށް މުހިންމު ނޫން، ބޮޑެތި ހަރަދުތައް ހިނގާ މަޝްރޫއުތަކަށް ސަރުކާރުގެ މިސްރާބު ބަދަލުވެފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.
އަޅުގަނޑުމެން ބަލަންޖެހޭ އަސްލު މިވަނީ ކީއްތޯ؟ މާގިނަ ވާހަކަ މި ދައްކަނީ. ބަންކަރިންނާއި، ޑިވެލޮޕްމަންޓް ބޭންކާއި، އައްޑޫ ބްރިޖުގެ ވާހަކަ ދައްކާއިރު، ރަށްރަށުގައި ބިންގާ އަޅާފައި ހުރި މަޝްރޫޢުތައް ކުރިއަކަށް ނުދޭ. މިއީ ހަމަ ކުރިއަށް އޮތް އިންތިޚާބުތަކަށް އަމާޒުކޮށް ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް
ފައިސަލް ވިދާޅުވީ، ދަރަނި އޮތްކަން އެނގި ތިބެ ސަރުކާރުން އިސްކަންދެނީ ބޭކާރު ހަރަދުތަކަށް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބާއްވާ ބިޒްނަސް ފޯރަމްތަކާއި، ސިޔާސީ މަގާމުތައް އިތުރުކުރުމާއި، އެމްބަސީތަކުގެ ހަރަދުތައް ބޮޑުކުރަމުންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ބަލާއިރުވެސް، މިހާރު ހިއްކާފައި ހުރި ގުޅީފަޅާއި ގިރާވަރުފަޅު ފަދަ ތަންތަނަށް ޔުޓިލިޓީޒް ނުވަތަ އަސާސީ ހިދުމަތްތައް ދީ، މީހުން އާބާދުކުރުމުގެ ބަދަލުގައި، އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އައު ތަންތަން ހިއްކުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. ފައިސަލް ވިދާޅުވި ގޮތުގައި، މިހާރު ފެންނަނީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގެ ބަދަލުގައި، ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާވެފައިވާ މަންޒަރެވެ. މީގެ ހައްލެއްގެ ގޮތުން ގާނޫނުއަސާސީއަށް ބައެއް ބަދަލުތައް ގެންނަންޖެހޭކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

