ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ދާއިރާއަށް ބަލާއިރު، ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކަށް އަންނަ ބަދަލުތަކަކީ ޤައުމުގެ ތަރައްޤީގެ ދުވެލި ވަޒަންކުރުމަށް ލިބޭ މުހިންމު މިންގަނޑެކެވެ. މިނިސްޓްރީ އޮފް ފައިނޭންސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ’ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް‘ ރިޕޯޓުން ދައްކާގޮތުގައި، ކައުންސިލްތަކަށް ދޭ ގްރާންޓާއި ސަބްސިޑީއަށް ކުރާ ހޭދަ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސް އާމްދަނީ އިތުރުވުމެވެ. 16 ޖުލައި 2026 ގެ ނިޔަލަށް ޓީ.ޖީ.އެސް.ޓީ ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އާންމު ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ ވެސް ވަނީ 12.1 އިންސައްތަ އިތުރުވެ، 3.0 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ތަފާސްހިސާބްތަކުން ދައްކާ ގޮތުގައި ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 16 އިންސައްތައިގެ އިތުރުވުމެކެވެ. މި ފައިސާއަކީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ރަނގަޅުކުރުމަށާއި، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ކައުންސިލްތަކަށް ދެވޭ މުހިންމު އެހީތެރިކަމެކެވެ.
ފިނޭންސްގެ ތަފާސްހިސާބްތަކުން ދައްކާ ގޮތުގައި މިއަހަރުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް އިތުރުވެފައިވާ އެއް ދާއިރާއަކީ ސަބްސިޑީއެވެ. ސަބްސިޑީއަށް ކުރި ހޭދަ 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 86.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި، ކަރަންޓާއި، މަސްވެރިންނަށް ދެވޭ ސަބްސިޑީތައް ހިމެނެއެވެ. މިފަދަ ހޭދަތަކަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމަށާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.
މީގެއިުރުން ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ 130.3 އިންސައްތަ އިތުރުވެ، 438.8 މިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދު ވެސް ވަނީ 24.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 21.0 އިންސައްތައިގެ އިތުރުވުމެކެވެ.

