ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމާއި، ދައުލަތުގެ ބާރުތައް ބެހިފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައިސަލް ވަނީ، މިއަދުގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުންދާ ގޮތުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ބައިވެރިންކަމަށް ވިދާޅުވެފަ އެވެ.
ފައިސަލް ވިދާޅުވީ، ގައުމުގެ ވެރިޔަކަށް ހުންނަ މީހަކު، ސަރުކާރު ހިންގުމުގައި އިހުލާސްތެރިވާނަމަ، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގައި ތިބީ ކޮން ބައެއްތޯ ބަލައި އެތަންތަން ކޮންޓްރޯލް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ މުވައްސަސާތަކުން ޒިންމާދާކޮށް، ރަނގަޅު މަސައްކަތެއް ކުރާނަމަ، އެއީ ކޮންމެ ބަޔަކު ތިއްބަސް މައްސަލައަކަށް ވެގެންނުވާނެކަމަށް ފައިސަލް ވިދާޅުވި އެވެ. ނަމަވެސް، މިހާރު ފެންނަނީ ހުރިހާ މިނިވަން މުވައްސަސާއެއް ވެސް ކޮންޓްރޯލްކޮށް، ޝަރުއީ ދާއިރާއާއި މަޖިލީހުގެ ބާރު ކަނޑުވާލަން އުޅޭ މަންޒަރުކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބާރު ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާހާ ގޮތަކަށް ގާނޫނުތައް ބަދަލުކުރަމުންދާ ކަމަށެވެ. ހާއްސަކޮށް މެންބަރުން ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހެދުމަކީ ވެރިކަމުގެ ބާރު ދެމެހެއްޓުމަށް ގެނައި އިސްލާހެއްގެ ގޮތުގައި ވިދާޅުވި އެވެ.
މިއީ ބާރުތައް އެންމެ އިންޗިއަކަށް ވެސް ދޫކޮށްލުމަށް ދެކޮޅު ހެދުންކަމަށް ސިފަކުރައްވައި ފައިސަލް ވިދާޅުވީ ގައުމުގެ މަސްލަހަތަށްވުރެ ވަކި ބައެއްގެ މަސްލަހަތު އިސްކުރުމަކީ ވެރިންގެ ސިފައެއް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ސުޕަރ މެޖޯރިޓީ އޮތްއިރު، އިހުސްލާސްތެރިކަމެއް ހުރިނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޔާސީ މީހުން ނުވަންނާނެ ގޮތަށް ބަދަލުކުރަންޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެހެނިހެން ކޮމިޝަންތަކަށް ވެސް އިތުބާރު ހިފޭ، ސިޔާސީ ނޫން ބަޔަކު އައްޔަންކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ގޮވައިލެއްވިއެވެ.
މިހާރު އަޅުގަނޑު މި ދަންނަވަނީ ވެރިޔަކަށް ހުންނަ މީހަކު، ޣާއުމު ހިންގަން ހުންނަ، ސަރުކާރުގެ ހިންގަން ހުންނަ ވެރިޔަކަށް ރަނގަޅަށް އެކަން ކުރާ ކަމަށް ވަންޏާ ކޮބައިތޯ މައްސަލައަކީ އެ މީހަކު ކޮންމެހެން ޝަރުޢި ދާއިރާގެ ތިބީ ކޮންބައެއްތޯ، މިނިވަން މުއައްސަސާތަކުގައި ތިބީ ކޮންބައެއްތޯ، ބަލަން.. ނުޖެހޭނޫންތޯ ބަލާކަށް؟ ކޮންމެ ބަޔަކު ތިއްބަސް އޯކެއް ނޫންތޯ.. ރަނގަޅަށް ކުރާ ކަމަށް ވަންޏާ.. އަޅުގަނޑު ގަބޫލުކުރާ ގޮތް އިނގޭތޯ.. މިހާރު މި ހުރިހާ ތަނެއް ކޮންޓްރޯލު މި ކުރަނީ. ރައްޔިތުންގެ މަޖިލީހުން ކޮންޓްރޯލް އެބަކުރޭ.. އެއީ ބޭނުންވާހާ ގާނޫނެއް، ބޭނުންވާހާ ގޮތަކަށް ކަންތައްތައް ކުރަންވީ. އަދި މެޖޯރިޓީ މިއޮތީ، ސުޕަރ މެޖޯރިޓީ. އެހެންވީމާ، ގާނޫނުއަސާސީ.. މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއޮތީ ނޫންތޯ ފެންނަން. މުޅިން ބާރުކަނޑުވައިލާފައި އޮތީ. މުޅިން ބާރުކަނޑުވާލާފަ
މީގެއިތުރުން ފައިސަލް ވަނީ ރާއްޖޭގެ ނިޒާމަށް ބޭނުންވާ ބައެއް ނިޒާމުތައް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުން ދިއުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ ދާއިރާތަކާއި ގުޅުން ހުރި މަސައްކަތްތައް 60 މެމްބަރުންނާއި އެކު ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ. މަޖިލީހަކީ ބަޔަކަށް ވަޒީފާ ދޭން އޮންނަ ތަނެއް ނޫންކަމަށާއި، މެންބަރުންގެ އަދަދު މަދުކުރި ވަރަކަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މެންބަރުން މަސައްކަތް ކުރަންވާނީ ވަކި ރަށެއް ނުވަތަ އަތޮޅެއްގެ ވިސްނުމުގައި ނޫން ކަމަށެވެ.
ރައްޔިތުން ބޭނުންވާ ވެރިކަމެއް ކުރުމަށް ސަރުކާރުގެ ޝައުގުވެރިކަމެއް އޮތްކަމާއި މެދު ސުވާލު އުފައްދައި ފައިސަލް ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ގެނައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން، އަތޮޅު ކައުންސިލްތަކުގެ ދައުރު އުވައިލުމަކީ ގޯހެއް ކަމަށެވެ. ގާނޫނުއަސާސީގައި ވަކި ބާބެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމު ލިޔެފައި އޮތީ ރާއްޖެ ހިންގަންޖެހޭނީ އެ ނިޒާމުގެ ތެރެއިން ކަމަށްވާތީކަމަށް ފައިސަލް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރީ އެ ނިޒާމު ހަރުދަނާކުރުމަށްކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. ނަމަވެސް، އަތޮޅު ކައުންސިލްތަކަކީ ބޭކާރު ތަނެއްގެ ގޮތުގައި ސިފަކޮށް، މި ސަރުކާރުން އެ ތަންތަން އުވާލުމަކީ ގާނޫނުއަސާސީގައި ލިޔެފައިވާ ލާމަރުކަޒީ ރޫހާ ހިލާފު ނިންމުމެއްކަމަށް ވިދާޅުވި އެވެ.

