ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި ޓެކްނޮލޮޖީއަކުން ގައުމެއް ބަދަލެއް ނުކުރެވޭނެ، އެ ބޭނުންކުރަން އެނގުން ވެސް މުހިންމު: އިހުސާން

"ޑިޖިޓަލް ފޯރ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު/ ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖެއަށް އަމާޒުކޮށްގެން، އާންމު ރައްޔިތުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ހޭލުންތެރިކުރުވުމަށް ”ޑިޖިޓަލް ފޯ އޯލް“ ގެ ނަމުގައި ކެމްޕެއިނެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއުއެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަލީ އިހުސާންއާއި، ހެލްތް މިނިސްޓަރ ގީލާ އަލީގެ އިތުރުން އެންވައިރޮމެންޓް މިނިސްޓަރ އަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ކެމްޕެއިނަކީ ހޯމް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން، ފިއުޗަރ އިންސްޓިޓިއުޓުން އޮޕަރޭޝަނަލައިޒް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ މައިންޑްކޯއިންނެވެ.

ޖުމްލަ ތިން އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކެމްޕެއިންގެ ބޭނުމަކީ ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމެވެ. އަދި ޓެކްނޮލޮޖީއަށް ހަމައެކަނި އަހުލުވެރިވުމުގެ ބަދަލުގައި، ޑިޖިޓަލް ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި އިތުބާރު ރައްޔިތުންގެ ކިބައިގައި އުފެއްދުމަކީ ކެމްޕެއިންގެ އަމާޒެކެވެ.

މި މަޝްރޫޢުގެ ދަށުން ކޮންމެ އަހަރަކުވެސް 75,000 މީހުން ތަމްރީންކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ތިން އަހަރުގެ ތެރޭގައި ޖުމްލަ 225,000 މީހުންނަށް މި ކެމްޕެއިންގެ ތެރެއިން ފުރުސަތު ފަހިވެގެންދާނެއެވެ.

ކެމްޕެއިންގެ އަމަލީ މަސައްކަތްތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ މުދައްރިބުން ތަމްރީންކުރުމުގެ (ޓީއޯޓީ) ޕްރޮގްރާމްތަކެކެވެ. އޭގެ ފަހުން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ރާއްޖޭގެ 6 އަތޮޅެއްގައި މި މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިހުސާން ވިދާޅުވީ، މިއީ ހަމައެކަނި އުމްރާނީ ވަސީލަތްތަކެއް ގާއިމުކުރުން ނޫން ކަމަށާއި، މިއީ 1970 ގެ އަހަރުތަކުގައި ރާއްޖޭގައި ފެށި އަސާސީ ތައުލީމުގެ މަޝްރޫޢު ފަދައިން، މުޅި އާބާދީ ޑިޖިޓަލް ފަންނުތަކަށް އަހުލުވެރިކުރުމަށް ހިންގާ ގައުމީ ހަރަކާތެއް ކަމަށެވެ.

ދިވެހިރާއްޖެއަކީ ޓެކްނޯލޮޖީގެ ގޮތުން ފައްކާވެފައިވާ ގައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްއަލޒު ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، އިހުސާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭއައި އާއި ޑިޖިޓަލް ޓެކްނޯލޮޖީގެ ސަބަބުން މިއަދު އިންސާނުން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާ ގޮތުގެ އިތުރުން، ވިޔަފާރިއާއި މުއާމަލާތްކުރާ ގޮތް މުޅިން ބަދަލުވެފައިވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ކޮންމެ ވިޔަފާރިއެއް ޑިޖިޓަލްވެ، މުޅި ދައުލަތުގެ ހިންގުން ޓެކްނޯލޮޖީގެ އެހީގައި ކުރިއަށްދާއިރު، މިއަދުގެ އެންމެ ބޮޑު ސުވާލަކީ މި ބަދަލުތަކުން ނަފާ ހޯދުމަށް ރައްޔިތުން ތިބީ ކިހާވަރަކަށް ތައްޔާރަށްތޯ ކުރެވޭ ސުވާލުކަމަށެވެ.

އިހުސާން ވިދާޅުވީ، ހަމައެކަނި ފައިވް-ޖީ ކަނެކްޓިވިޓީ ނުވަތަ ޑިޖިޓަލް ޕޭމަންޓް ނިޒާމެއް އޮތުމުން ނުފުދޭ ކަމަށެވެ.

އެ ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ އިތުބާރާއި ހުނަރު ރައްޔިތުންގެ ކިބައިގައި ނެތް ނަމަ، އަޅުގަނޑުމެން ވާނީ ނާކާމިޔާބު ބަޔަކަށް

އެހެންކަމުން، ސަރުކާރުން އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަނީ ޑިޖިޓަލް ސުލޫކާއި އިތުބާރު ހުރި، އަދި އައު ޓެކްނޯލޮޖީތައް ރައްކާތެރިކަމާއެކު ބޭނުންކުރަން ދަންނަ ގާބިލު ރައްޔިތެއް ބިނާކުރުމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި ”މޯލްޑިވްސް 2.0“ ގެ އެންމެ މުހިންމު އެއް އަމާޒަކީ، ރައްޔިތަކު ދިރިއުޅޭ ރަށެއްގެ ސަބަބުން އެ މީހަކަށް ލިބޭ ފުރުސަތުތައް ހަނިނުވާނެ ފަދަ ޑިޖިޓަލް ފަސްޓް ގައުމެއް ބިނާކުރުމެވެ. މިކަން ހަގީގަތަކަށް ހެދުމަށްޓަކައި، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވާނެ ގޮތަށް މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ވެސް ރޭވިފައިވާކަމަށް އިހުސާން ވިދާޅުވި އެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ”ޑިޖިޓަލް ފޯ އޯލް“ އަކީ ހަމައެކަނި ކެމްޕެއިނެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ މުހިންމު ގައުމީ އިންވެސްޓްމަންޓް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: