ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެންޓަރ އެންޓަޕްރައިޒަސްއިން އޮޅުވާލައިގެން ފޭކް ސްލިޕް ހުށަހަޅައި، ފައިސާ ހޯދަން އުޅުނު އިތުރު މައްސަލަތަކެއް!

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީއާއި، އޮފީހުގެ ބައެއް އިސްވެރިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސެންޓަ އެންޓަޕްރައިޒަސް ކުންފުނިން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ބުނެ، ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން މަސައްކަތްކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ވަނީ ޖުމްލަ 410 މިލިއަން ރުފިޔާ ހޯދުމަށް ހަ މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. މިއީ 2006 އާއި 2010 އާ ދެމެދު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ބައެއް މުދަލުގެ އަގާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއަށްވާ ފައިސާއެވެ. ނަމަވެސް އޮޑިޓްތަކުން ދައްކާ ގޮތުގައި މީގެ ތެރެއިން ގިނަ މުއާމަލާތްތަކަކީ މީގެ ކުރިން ދައުލަތުން ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަންކަމެވެ.

މި އޮޅުވާލުންތައް ފުރަތަމަ ފާހަގަކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހެލްތު މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގެ ތެރެއިންނެވެ. އެ މައްސަލާގައި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ފޯޖްކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއްކަން ބަންޑާރަ ނައިބުގެ އޮފީހަށް ފާހަގަކުރެވިގެން އޮޑިޓް އޮފީހަށް ހުށަހެޅުމުން ހިންގި އޮޑިޓުން ބޮޑެތި މަކަރުތަކެއް ވަނީ ހާމަވެފައެވެ.

އެންމެ ބޮޑު އަދަދެއް ހޯދަން ހުށަހަޅާފައި ވަނީ ހެލްތު މިނިސްޓްރީގެ ދަށުން ކުރިން ހިންގި ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް) އާ ދެކޮޅަށެވެ. އެގޮތުން 2006 ވަނަ އަހަރު ފޯރުކޮށްދިން މެޑިކަލް އިކުއިޕްމެންޓަށް 84 މިލިއަން ރުފިޔާ، 2008 ގެ އިކުއިޕްމެންޓަށް 79 މިލިއަން ރުފިޔާ، އަދި ބޯފެން ރައްކާކުރާ 900 ކަޅުހަމުގެ އަގަށް 25 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ދައުވާކޮށްފައެވެ.

ނަމަވެސް އެ ކަޅުހަންތައް ފޯރުކޮށްދިން ކަމަށް ބުނާ މުއާމަލާތަކީ ފިނޭންސުން ދުވަހަކުވެސް އިއުލާނުކޮށްފައިވާ މަސައްކަތެއް ނޫންކަމާއި، ޑެލިވަރީ ނޯޓްތަކުގައި ސޮއިކުރި ކަމަށް ބުނާ މުވައްޒަފަކީ ދުވަހަކުވެސް އެ މިނިސްޓްރީގައި މަސައްކަތްކުރި މީހެއް ނޫންކަން އޮޑިޓުން ވަނީ ސާބިތުވެފައެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން 169 މިލިއަން ރުފިޔާ، އެންވަޔަރްމެންޓް މިނިސްޓްރީން 32 މިލިއަން ރުފިޔާ، އަދި އެމްއޭސީއެލްއިން 21 މިލިއަން ރުފިޔާ ހޯދުމަށް ވެސް އެ ކުންފުނިން ވަނީ މައްސަލަ ހުށަހަޅާފައެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގެ މައްސަލާގައި 3,627 ކަޅުހަމުގެ އަގު ހޯދަން އެދުނު އިރު، އެއީ އެއްވެސް ތެދުވެރި މުއާމަލާތެއްގައި ހިމެނިގެންނުވާނެ ފަދަ ބޮޑެތި ފުށުއެރުންތައް ހުރި ކަންކަން ކަމަށް އޮޑިޓް ރިޕޯޓް ބުނެއެވެ. އަދި ފައިސާ ދައްކައި ނިންމާފައިވާ އެލްސީއެއްގެ ދަށުން، އޭގެ އަސްލު އަގަށްވުރެ އިތުރު ފައިސާ ހޯދުމަށް ސައްހަ ނޫން އިންވޮއިސްތަކެއް ހުށަހަޅާފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

އޮޑިޓަރ ޖެނެރަލް ވަނީ އޮޅުވާލައިގެން ދައުލަތުން ބޮޑެތި އަދަދުތަކެއް ހޯދަން މަސައްކަތްކޮށްފައިވާތީ، މި މައްސަލާގައި ޕޮރެންސިކް ތަހުގީގެއް ހިންގައި، ޝާމިލުވާ ހުރިހާ އެންމެންނާ މެދު ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ރިޕޯޓުގައި އެދިފައެވެ.

ގެއްލުމުގެ ބަދަލު ނަގައިދޭން އެދުނު މައްސަލައެއްގައި ސެންޓަރ އެންޓަޕްރައިސިސް، ހުށަހެޅި ދައުވާތައް ސާބިތު ކުރުމަށް ސައްހަ ނޫން ލިޔެކިއުންތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިކޮށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހަށް ވެސް ހުށަހެޅި އެވެ. މިއީ ސެންޓަރ އެންޓަރ ޕްރައިސިސް ކިޔާ ކުންފުންޏަކުން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމަށް އެދި ދައުލަތަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާއެކެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ވަނީ ކޯޓަށް ހުށަހެޅި ދެ މައްސަލައެއްގައި ހައްހަ ނޫން ލިޔެކިއުންތަކެއް ކޯޓަށް ހުށަހަޅާފަ އެވެ.

ކުންފުނިން ފައިސާ ހޯދުމަށް ހުށަހަޅާފައި ވަނީ، އެންވައިރޮމެންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދިންކަމަށް ބުނާ ކަޅު ހަންތަކާއި ގުޅޭ މައްސަލައަކާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްއަށް ސަޕްލައި ކުރިކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓުތަކާއި ގުޅޭ ދެ މައްސަލަ އެކެވެ. މިދިޔަ އަހަރު ހުށަހެޅި މި މައްސަލައިގައި އޭޖީ އޮފީހުން ސުވާލު އުފައްދާފައި ވަނީ، ދައުލަތާއި އެ ކުންފުންޏާއި ދެމެދު ކުރިކަމަށް ބުނާ މުއާމަލާތް ހިންގާފައިވާކަން ސާބިތު ކުރުމަށް ހުށަހެޅި ލިޔެކިއުންތަކާއި މެދު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: