ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ދާއިރާގެ އިމްތިހާނުތައް ހާޒިރުވެގެން ހަދަން ލާޒިމު ކުރުމުން ދަރިވަރުން ޕެޓިޝަނެއްގައި ސޮއި ކުރަނީ!

ވަކީލުންތަކެއް ވަކީލުކަމުގެ ހުވާ ކުރައްވަނީ: - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އިމްތިހާނުތައް، ކޮލެޖު ނުވަތަ ޔުނިވާސިޓީއަށް ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން، ދާއިރާގެ ގިނަ ދަރިވަރުންތަކެއް އެކަމަށް ދެކޮޅު ހަދައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ބާ ކައުންސިލުން މިދިޔަ ހޯމަ ދުވަހު އާންމުކުރި އައު އުސޫލުގައިވާ ގޮތުން، ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އަންނަ އޮގަސްޓު މަހުން ފެށިގެން އިމްތިހާނުތައް ބާއްވަންޖެހޭނީ ދަރިވަރުން ފިޒިކަލްކޮށް ހާޒިރުވެގެންނެވެ. މީގެ އިތުރުން، ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް މި ބަދަލާއެކު ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުން އިސްނަގައިގެން ތައްޔާރުކުރި އޮންލައިން ޕެޓިޝަނެއްގައި މިހާތަނަށް 200 އަށް ވުރެ ދަރިވަރުން ވަނީ ސޮއިކޮށްފައެވެ.

ޕެޓިޝަނުގައި ދަރިވަރުން ވަނީ އެ ކައުންސިލުން ގެނައި އައު އުސޫލުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ސަބަބުތައް ވެސް ތަފްސީލުކޮށްފަ އެވެ. އެގޮތުން ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި، ކޯސް ފެށިއިރު މާލޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނާ އެއް ފެންވަރެއްގެ ތައުލީމެއް، ރަށްރަށުގައި ތިބެގެންވެސް ލިބޭނެ ކަމުގެ އުއްމީދު އޮތް ނަމަވެސް، މި ބަދަލުގެ ސަބަބުން އެ ފުރުސަތު ގެއްލިގެންދާނެ އެވެ. ވަކިން ހާއްސަކޮށް ވަޒީފާ އަދާކުރަމުން ކިޔަވާ ދަރިވަރުންނަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަކީ ދަތި ކަމަކަށް ވާއިރު، އެހެން ރަށްރަށުން ދަތުރުކޮށްފައި އިމްތިހާނު ހަދަން އައުމަކީ މާލީ ގޮތުންނާއި އަމަލީ ގޮތުންވެސް އުފުލޭނެ ބުރައެއް ނޫންކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

ޕެޓިޝަންގައި ބުނެފައިވާ ގޮތުން މިހާރުވެސް އިމްތިހާނުތައް ކުރިއަށްގެންދަނީ ”ލޮކްޑައުން ބްރައުސަރ“ އާއި ވެބްކެމް ބޭނުންކޮށް ރަނގަޅަށް މޮނިޓަރ ކުރެވޭ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ދަރިވަރުންގެ ޕެޓިޝަނުގައި ބުނެފައި ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ތައުލީމީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައިވެސް އޮންލައިންކޮށް އިމްތިހާނު ބާއްވަމުންދާ ކަމަށެވެ. އެހެންކަމުން، ދިރިއުޅޭ ރަށުގެ ދުރުމިނާއި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ރިއާޔަތްކޮށް، ބާ ކައުންސިލުގެ މި ނިންމުން އަލުން މުރާޖައާކޮށް ހުރިހާ ދަރިވަރުންނަށް އިންސާފުވެރި ގޮތަކަށް އުސޫލު ބަދަލުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

ދަރިވަރުން ސޮއި ކުރަމުން ގެންދާ ޕެޓިޝަންގެ ސްކްރީންޝޮޓެއް

ދަރިވަރުންގެ ޕެޓިޝަނުގައި ބާ ކައުންސިލަށް ގޮވާލާފައި ވަނީ، މިހާރު ކޯސްތަކުގައި އެންރޯލްވެފައި ތިބި ދަރިވަރުންނަށް ގެއްލުން ނުވާނެ ގޮތަކަށް މި މައްސަލަ ބަލައި، އިންސާފުވެރި ނިންމުމެއް ނިންމައިދިނުމަށެވެ. އަދި ކޮލެޖުގެ ކެމްޕަސްތައް ހުންނަ ރަށްރަށަށް ދަތުރުކުރުމުގެ ގާބިލުކަން ނެތް ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މި ބަދަލާއި ގުޅޭގޮތުން ބާ ކައުންސިލުން ބުނެފައި ވަނީ މިއީ ރާއްޖޭގެ ގާނޫނީ ތައުލީމުގެ ފެންވަރު މަތިކޮށް، ވަކީލުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. 

ބާ ކައުންސިލުން އަލަށް އެކުލަވާލި މި މިންގަނޑުތަކުގެ ދަށުން، އެލްއެލްބީ ޕްރޮގްރާމްތަކުގައި ކޮންމެހެން ހިމަނަންޖެހޭ މައިގަނޑު މާއްދާތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގާނޫނީ ނިޒާމު، ދުސްތޫރީ ގާނޫނު، އިދާރީ ގާނޫނު، ޖިނާއީ ގާނޫނު، މުއާމަލާތާބެހޭ ގާނޫނު އަދި ގާނޫނީ އަޚުލާގު ހިމެނެއެވެ. އަދި ކިޔަވައިދޭ ލެކްޗަރާ ބޭފުޅުންނަކީ މަދުވެގެން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް ވެސް އާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލި މި އާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: