ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ އަޅުވެތިކަމުގެ ތެރެއިން ލިބޭނެ މިނިވަންކަމެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގެ ސިޔާސީ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތްކުރުމަށް ޓަކައި އެންމެ މުހިންމު އެއް ތަނބަކީ އެ ގައުމެއްގެ އިގްތިސާދީ މިނިވަންކަމެވެ. ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާއި ކުރިމަތިލިއިރު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިގްތިސާދީ ގޮތުން އެހެން ބަޔަކަށް ބަރޯސާވާންޖެހުމަކީ ނުސީދާ ގޮތެއްގައި އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދާ ކަމެއް ކަމެވެ. ރާއްޖޭގެ ތާރީޚަށް ބަލާއިރު، 1980ގެ އަހަރުތަކުގައި ދިވެހި އިގްތިސާދު ބިނާވެފައި އޮތީ މައިގަނޑު ގޮތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ މައްޗަށެވެ. ނަމަވެސް ފަހުން ފަތުރުވެރިކަން ތައާރަފުވެ، ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 30 އިންސައްތަ އެ ސިނާއަތުން ހިއްސާކުރަން ފެށުމާއެކު، ރާއްޖޭގެ އިގްތިސާދީ މޫނުމަތި މުޅިން ބަދަލުވެގެން ދިޔައެވެ.

އިގްތިސާދީ މިނިވަންކަން ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު ކޮވިޑް-19ގެ ބަލިމަޑުކަމަކީ ދިވެހި އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެކެވެ. ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައުމާ ގުޅިގެން، އެންމެ ސިނާއަތަކަށް ބަރޯސާވެފައި އޮތުމުގެ ބިރުވެރިކަން މުޅި ގައުމަށް އިހުސާސް ކުރެވުނެވެ. މި ހާލަތުގައި ގައުމުގެ އާމްދަނީ އިންތިހާއަށް ދަށްވެ، އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. މިއީ އިގްތިސާދު ސިންދަފާތުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ މިންވަރު ހާމަކޮށްދިން ކަމެކެވެ. އިގްތިސާދީ ގޮތުން މިނިވަންކަން ހޯދޭނީ އެކި ދާއިރާތަކުން އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްގެންނެވެ. މިއަދު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އިގްތިސާދީ ގޮތުން އަމިއްލަ ބާރުވެރިކަން ނެތް ނަމަ ސިޔާސީ ގޮތުން އަޅުވެރިކަމަސް ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ އިގްތިސާދު ފުޅާކުރުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން 45 އަހަރުވީ އިންވެސްޓްމަންޓް ގާނޫނަށް ބަދަލުތަކެއް ގެނެސް، ހާއްސަ އިގްތިސާދީ ސަރަހައްދުތައް ނުވަތަ އެސްއީޒެޑްގެ ދަށުން އިންވެސްޓް ކުރެވޭނެ އާ ދާއިރާތައް ވަނީ ކަނޑައަޅާފައެވެ. މީގެ މަގުސަދަކީ ފަތުރުވެރިކަމުގެ ބޭރުން އިތުރު ސިނާއަތްތައް އާލާކޮށް، ގައުމުގެ އިގްތިސާދީ ބިންގާ ވަރުގަދަކުރުމެވެ.

އެސްއީޒެޑްގެ ދަށުން 100 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެ ތެރޭގައި ޓްރާންސްޝިޕްމަންޓް ބަނދަރުތަކާއި، ލޮޖިސްޓިކްސް އަދި ބަންކަރިން ހިދުމަތް ފަދަ ކަނޑުގެ އިގްތިސާދާ ގުޅުންހުރި ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ހާއްސަ އިގްތިސާދީ ސަރަހައްދުތަކުން ފަތުރުވެރިކަމުގެ ދާއިރާ އިސްތިސްނާކޮށްފައިވާ ކަމެވެ. މިއީ އިގްތިސާދު ސިންދަފާތުކުރުމަށް ދެވޭ ވަރަށް ބޮޑު އަހައްމިއްޔަތެކެވެ. މީގެ އިތުރުން ތައުލީމީ އަދި ސިއްހީ ދާއިރާގެ ބޮޑެތި މަޝްރޫއުތަކަށް ވެސް ވަނީ ފުރުސަތު ދީފައެވެ.

ގައުމެއްގެ އިގްތިސާދީ މިނިވަންކަމުގެ އަނެއް ތަނބަކީ ހަރުދަނާ މާލީ ނިޒާމެކެވެ. މާލީ ދާއިރާ ފުޅާކުރުމަށް ޓަކައި ’މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ‘ އުފައްދައި، ޒަމާނީ މާލީ ހިދުމަތްތަކަށް މަގުފަހިކޮށްފައިވެއެވެ. ޑިޖިޓަލް ބޭންކިން އާއި ފައިނޭންޝަލް ޓޫރިޒަމް ފަދަ އާ ދާއިރާތަކަކީ ރާއްޖޭގެ އިގްތިސާދަށް އާ ދިރުމެއް ގެނެސްދޭނެ ކަންކަމެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބި، ގައުމަށް ވަންނަ ބޭރު ފައިސާ އިތުރުވެގެންދާނެއެވެ. މިކަންކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒްކޮށް ހަގީގީ އިގްތިސާދީ މިނިވަން ރައްޔިތުންނަށް ހޯދައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެއީ ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ނަމަވެސް ނުކުރެވޭނެ ކަމެއް ނޫނެވެ.

އަޅުގަނޑުގެ ޙިޔާލުގައި އިގްތިސާދީ އަޅުވެތިކަމުން ސަލާމަތްވެ، ހަގީގީ މިނިވަންކަން ހޯދޭނީ ގައުމުގެ އިގްތިސާދު އެކި ދާއިރާތަކަށް ފަތުރާލައިގެންނެވެ. އެންމެ ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާ އިންވެސްޓްމަންޓްތަކާއި މާލީ ހިދުމަތްތަކުގެ ތެރެއިން ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ މިއަދު ގައުމަށް އެންމެ ބޭނުންތެރި ކަންތައްތަކެވެ. މި މަގުން ކުރިއަށް ގޮސްގެން މެނުވީ، އަންނަން އޮތް ޖީލުތަކަށް ފުރިހަމަ މިނިވަންކަމާއި ތަނަވަސްކަން ޔަގީންކޮށް ނުދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: