ސްރީލަންކާގެ ކަޓުނަޔަކަ އެއާޕޯޓުން އެ ގައުމަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުވާ ދެ ދިވެހިން ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީއެންބީ)އިން ހައްޔަރުކޮށްފިއެވެ.
ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 10 މިލިއަން ލަންކާ ރުޕީސްގެ ނުވަތަ 1.6 މިލިއަން ރުފިޔާގެ އަގުހުރި ”އައިސް“ (ކްރިސްޓަލް މެތައެމްފެޓަމިން) އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީ.އެން.ބީ) އިން ހައްޔަރުކުރިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ބުދަދުވަހުގެ ރޭގެ ވަގުތެއްގައި ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން (ބީ.އައި.އޭ) ހައްޔަރުކޮށްފައިވަނީ 602 ގްރާމްގެ އައިސްއާއެކު އެގައުމަށް އެތެރެވި އުމުރުން 40 އަހަރުގެ ދިވެއްސެކެވެ. އަދި އޭނާއާ ގުޅުންހުރި، ސްރީލަންކާގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައި މޭސްތިރިއެއް ކަމަށް ބެލެވޭ ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ ކޮލަމްބޯގެ ހޮޓަލަކުންނެވެ.
އެ އޮޕަރޭޝަން ފަށާފައިވަނީ، އުމުރުން 40 އަހަރުގެ މީހާ ދިވެހިރާއްޖެއިން ސްރީލަންކާއަށް ”އައިސް“ ހިފައިގެން އަންނަކަމަށް ޕީ.އެން.ބީގެ ޑެޕިއުޓީ ޑައިރެކްޓަރަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތަށް ބިނާކޮށް، ކޮލަމްބޯގައި ހުންނަ ޕީ.އެން.ބީ ހެޑްކުއާޓާރޒްގެ އޮފިސަރުންނާއި އެއާޕޯޓުގައި ތިބޭ ޕީ.އެން.ބީ އޮފިސަރުން ގުޅިގެން، އެއާޕޯޓުގެ އެރައިވަލް ޓާމިނަލްގެ ބެގޭޖް ކްލެއިމް ސަރަޙައްދު ސާވޭލަންސްގެ ދަށަށް ގެނައެވެ.
ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، އެ މީހާ މާލެއިން ސްރީލަންކާއަށް ގޮސްފައިވަނީ 12:15 ހާއިރު ފިޓްސް އެއާ (FitsAir) ގެ ފްލައިޓުންނެވެ.
ފުލުހުން ބުނީ، އެ މީހާ ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ދިގު ގަމީހުގެ އެތެރެއިން އަންނައުނުގެ ތެރޭގައި، ހަށިގަނޑުގެ ނާޒުކު ގުނަވަނެއްގެ ވަށައިގެން ޓޭޕްއަޅައި ފޮރުވާފައި ހުރި 602 ގްރާމްގެ ”އައިސް“ ހިމެނޭ ދެ ޕާރސަލް ފެނިފައިވާ ކަމަށެވެ.
ތަހުގީގުގައި ސުވާލުކުރުމުން، އެ ތަކެއްޗަކީ ސްރީލަންކާގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކަށް ރައްދުކުރުމަށް އެ ގައުމަށް އެތެރެކުރި ތަކެތި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

