ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށް، ސަރުކާރު ހިންގާ މީހާއާއި ދައުލަތް ހިންގާ މީހާ ވަކިކުރަންޖެހޭ: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ބާރުތައް މަސްހުނިވަމުންކަމަށާއި، ސަރުކާރު ހިންގާ މީހާއާއި ދައުލަތް ހިންގާ މީހާ ވަކިކުރަންޖެހޭކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ، ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގައި ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަނޑައަޅާފައި އޮތް ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް ބާރު ފޯރުވާ މަންޒަރެވެ.

ފައިސަލް ވިދާޅުވީ، ސަރުކާރު ހިންގާ ވެރިޔާއަށް މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމާއި، ނަން ފޮނުވުމުގެ ބާރު އޮވެގެން ނުވާނެ ކަމަށެވެ. އަދި ޖުޑިޝަރީއަށް ބާރު ފޯރުވުމުގެ ފުރުސަތުވެސް އޮވެގެން ނުވާނެ ކަމަށާއި، އެކަންކަން އިސްލާހު ކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ހުށަހެޅުއްވި ގޮތުގައި، ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުން އިންތިހާބުކުރާ ވެރިއަކު ހުންނަންޖެހޭ ފަދައިން، ދައުލަތުގެ އިސްވެރިޔަކީވެސް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މީހަކަށް ވާންޖެހެއެވެ.

ސަރުކާރު ހިންގާ މީހާއާއި، ދައުލަތް ހިންގާ މީހާއާ ވަކިވާން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރަނީ އެގޮތަށް. އޭރަކުން ހިތަށް ބޭނުންވާ ކޮންމެ ބަދަލެއް ނުގެނެވޭނެ

ރާއްޖޭގައި މިހާރު އޮތް ނިޒާމުގެ ތެރެއިން ހަތަރު ދައުރުގެ ތަޖުރިބާ ލިބިފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް މިއަދު އިވެނީ އެއް ޝަކުވާތަކެއް ކަމަށެވެ. އެގޮތުން، މިނިވަން މުއައްސަސާތަކުން ވަކި ބައެއްގެ މައްސަލަތައް ބެލުމާއި، ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ އާންމުވެފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ސިޔާސީ މަގާމުތަކާއި މުއައްސަސާތައް އުފެއްދުމުގެ ބާރުވެސް ހަނިކުރަންޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ. ސަރުކާރުގެ ވުޒާރާތަކުގެ އަދަދާއި، ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ގާނޫނުން ކަނޑައެޅިފައި އޮންނަންޖެހޭނެކަމަށާއި، އެއަށްވުރެ އިތުރުކުރަން ބޭނުންވާ ނަމަ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، މިހާރު މިދާ ގޮތަށް އެއްވެސް ހިފެހެއްޓުމެއް ނެތި ސަރުކާރުން ބޭނުންހާ ގޮތަކަށް މަގާމުތައް އުފައްދަމުންދާ ނަމަ، އޭގެ ނޭދެވޭ އަސަރު ދައުލަތުގެ ބަޖެޓަށާއި ރައްޔިތުންނަށް ކުރާނެއެވެ. އެހެންކަމުން، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މިފަދަ ޤާނޫނީ ހުރަސްތަކެއް ހުރުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، އިހުލާސްތެރިކަމާއެކު ގައުމު ހިންގާ ވެރިއަކުނަމަ، މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މައްޗަށް ބާރު ފޯރުވައި، އެތަންތަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ނުޖެހޭނެއެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ ދައުލަތުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށްލައި، ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެތަކުގެ މިނިވަންކަން ގެއްލުވާލަން އުޅޭ މަންޒަރުކަމަށް ސިފަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، މެންބަރުން ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ މެންބަރުންގެ މިނިވަންކަން ނަގާލުންކަމަށް ވިދާޅުވިއެވެ.

ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތްއިރު، އެ ބާރުގެ ބޭނުންކޮށްގެން ގާނޫނުއަސާސީއާއި ގާނޫނުތައް ބަދަލުކުރަނީ ހަމައެކަނި ވެރިކަމުގެ ބާރު ދެމެހެއްޓުމަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިޔާސީ ނުފޫޒު ކަނޑުވާލުމަކީ ރައީސް މުއިއްޒުގެ ވައުދެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އޮތްއިރުވެސް އެކަން ނުކޮށް މަޑުކުރުމަކީ އިހުލާސްތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ސިޔާސީ ނޫން، އިތުބާރު ހުރި މީހުން އައްޔަންކުރާނެ ނިޒާމެއް ބޭނުންވާކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: