ވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢޫދީ ޢަރަބިއްޔާގެ ހާއްސަ މަންދޫބު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ، ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން، ރައީސް މުއިއްޒު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޕްރިންސް ޑރ. މަންސޫރަކީ ސައޫދީ ރަސްގެފާނުގެ މުޝީރެއްގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީގެ މަންދޫބަށް ހޫނު މަރުހަބާއެއް ދަންނަވައި، ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ހާއްސަކޮށް، ރާއްޖޭގެ ތަރައްގީއަށް ސައުދީ ސަރުކާރުން ދޭ އެއްބާރުލުމާއި، ”މައްކާ ރޫޓް އިނިޝިއޭޓިވް“ މެދުވެރިކޮށް ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދޭ ލުއިފަސޭހަތަކަށްޓަކައި އެމަނިކުފާނު ޝުކުރު ފާޅުކުރެއްވިއެވެ.
ޕްރިންސް ޑރ. މަންޞޫރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމަށް ސައުދީ އަރަބިއްޔާގެ އިސްވެރިން އަބަދުވެސް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ދީނީ އަދި އުހުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، އިގްތިސާދީ ދާއިރާއިންނާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނެވެ.
ޕްރިންސް ޑރ. މަންޞޫރު ރާއްޖެ ވަޑައިގަތުމުން، ސަރުކާރުގެ ފަރާތުން އެމަނިކުފާނަށް ވަނީ ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވާފައެވެ.

