ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ އެއްވެސް މަސައްކަތެއް ސަރުކާރަކުން ނުކުރާކަމަށް ހިރިމަރަދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާ މައްސަލައިގައި ހިރިމަރަދޫ ކައުންސިލް ރައީސް އަލީ އިބްރާހިމް ”ސަންގަށް“ ވިދާޅުވީ، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ނުކުރެވޭކަމަށާއި އެމަސައްކަތް ނިމޭނެ ދުވަހާއި ބެހޭގޮތުން ވަކި އެއްޗެއް ދަންނަވަން ނޭނގޭކަމަށެވެ.
”ހަމަ އެއްވެސް ގޮތަކަށް ނޭނގެ ކިހާ ހިސާބެއްގައިކަމެއް ތިކަން އޮތީ. އިނގޭހާވެސް އެއްޗަކީ ހިރިމަރަދޫގައި ކައުންސިލެއް ނޯންނަކަން، ރަށުގެ ހުރިހާކަމެއް ބަލަހައްޓަނީ ހަނިމާދޫ ކައުންސިލުން“ ކައުންސިލް ރައީސް އަލީ
އޭނާ ވިދާޅުވީ، މީގެ ކުރިން ރައީސް ޑރ. މުއިއްޒު އެރަށަށް ވަޑައިގެން އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ޤާއިމުކުރާނެ ކަމަށް ސަރުކާރުން ބުނިނަމަވެސް، އެފަދަ އެއްވެސް ކަމެއް ނުކުރާކަމަށެވެ. މީގެ އިތުރުން، ރަށުން ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެ މަޝްރޫއުއާއި ގުޅިގެން ސަރުކާރުން މިހާތަނަށް ހަނިމާދުގައިވެސް އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދޭކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ފެނާއި ނަރުދަމާގެ އިތުރުން، ސިއްހަތާއި ތައުލީމީ ގޮތުން ފޯރުކޮށްދެންޖެހޭ ޚިހުމަތްތައްވެސް ޤާއިމުކޮށްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ރަށުގައި މިވަގުތު ދިރިއުޅެނީ ހަތަރު ސަތޭކައެއްހާ މީހުންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގައި ސަރުކާރުން ކަންކުރަނީ ރަނގަޅަކަން ނޫންކަމަށެވެ. އަދި ހިރިމަރަދޫގެ ރައްޔިތުންގެ ޒިންމާ ހަނިމާދޫ ކައުންސިލާ ހަވާލުކޮށް ސަރުކާރުން އުޅެނީ މިކަމުން ބޯދަމައިގަންނަންކަމަށް އޭނާ ސިފަކުރެއްވިއެވެ. މީގެ ސަބަބުން ދެރަށުގެ ރައްޔިތުންގެ މެދުގައި މީގެ ކުރިން އޮތް ގާތް ގުޅުމަށް ހީނަރުކަން އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިވަގުތު ހަނިމާދޫގެ ނުވަދިހަ އިން ސައްތައަށްވުރެ ގިނަ ރައްޔިތުން ހިރިމަރަދޫ ރައްޔިތުން އެރަށަށް ބަދަލުވާން ނުރުހޭކަން އޭނާ ހިތާމައާއިއެކު ފާހަގަކުރެއްވިއެވެ. އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން އެޗްޑީސީން ހެދި ސާރވޭއިންވެސް ހަނިމާދޫ ރައްޔިތުން އެކަން އެގޮތަށް ބޭނުންނުވާކަންކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ހިރިމަރަދޫގައި މިހާރު ކައުންސިލެއް ނޯންނަކަމަށާއި އެރަށުގެ ހުރިހާ ކަމެއް ބަލަހައްޓަމުންގެންދަނީ ހަނިމާދު ކައުންސިލުންކަމަށެވެ. ގޯތި ލިބޭނެ ކަމުގެ ލިސްޓެއް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާ 184 ރައްޔިތަކަށް ގޯތިލިބޭނެކަމަށް ބުނެފައިވީނަމަވެސް އެޗްޑީސީން އެއްވެސް ވަރަކަށް އެރަށުގެ ރައްޔިތުންނާއި މަޝްވަރާ ނުކުރާކަމަށާއި ގޯތި ދިނުމުގެ މަސައްކަތް އެޗްޑިސީން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
”ސަރުކާރުގެ އަމަލުތަކުގެ ސަބަބުން މިހާރު ދެރަށުގެ ރައްޔިތުންގެ ގުޅުން އެއްކޮށް ހީނަރުވެފައި މިއޮތީ، އެއްބަޔަކު އަނެއްބަޔަކަށް ބަސްބުނުމާއި ހިތްހަމަ ނުޖެހޭ އެއްޗެހި ކިޔުމާއި އެކަހަލަ ކަންކަން މިހާރު މިއޮންނަނީ، ހިރިމަރަދޫ ރައްޔިތުންނަށް ދިމާވެގެން އުޅޭ ހުރިހާކަމެއް މިހާރު މިއޮތީ ހަނިމާދޫ ރައްޔިތުން ބޮލުގަ އަޅުވާފަ“
އޭނާ ވިދާޅުވީ، ހަނިމާދޫ ރައްޔިތުން މިކަމުގެ ޒިންމާނަގާ ރަށުގެ ރައްޔިތުންނާއި ހަވާލުވާން ބޭނުންނުވާކަށާއި މިއީ ސަރުކާރުން ސިޔާސީ ގޮތަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުން އެކަން ކުރަމުންދަނީ ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ނިޔަތުގައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެއިންވެސް ދައްކުވައިދެނީ ދެރަށުގެ ރައްޔިތުންނާއި މެދު ސަރުކާރުގެ އިހުލާސްތެރިކަމެއްނެތް މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޭނުމަކީ ހަނިމާދުގެ މުސްތަޤުބަލު ހަލާކުރުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިގޮތުން ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުން ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވުމުން އިޖުތިމާއީ ގޮތުންވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިހުރިހާކަމަކާއި ހުރެ މިވަގުތު ރައްޔިތުން ސަރުކާރާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިފަދަ ކަމެއް ހިނގާފައިމިވަނީ ފަހުގެ ތާރީހެއްގައި މުޅިން އަލަށް ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިއީ ރަށުގެ އެތަކެއް ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެއްކަމަށްވާއިރު މިއީ މިހާތަނަށް ސަރުކާރަކުން މުޅި ރާއްޖޭގައިވެސް ހިންގޭ އެންމެ ނުރަނގަޅު ޕްރޮޖެކްޓު ކަމަށެވެ.
”ގެދޮރު ހަދަން ބޭނުންމީހުންނަށް ގެދޮރެއް ނުހެދެ، މީހުނާ އިންނަން ބޭނުންވެފަ ތިބި މީހުނަށް ކޮޓަރިއެއް ނުހެދެ، ކައިވެނިތައްވެސް ނުކުރެވޭ ހިސާބުގައި ރައްޔިތުން އެތިބީ“ ކައުންސިލް ރައީސް އަލީ
އޭނާގެ ވާހަކަ ނިންމާލަމުން ވަނީ ޖުމްލަގޮތެއްގައި ސަރުކާރުން މުޅި ޕްރޮޖެކްޓުވަނީ ހަނިމާދޫގެ ރައްޔިތުންގެ ބޮލުގައި އަޅުވާފަކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން މިއީ ރައީސް ޑރ. މުއިއްޒު ވައުދުވެ ވަޑައިގެންނެވި ޕޮރޮޖެކްޓެއް ނަމަވެސް މިހާރު މުޅި މަންޒަރު ބަދަލުވެފައިވާކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ރައީސް ޑރ. މުއިއްޒު މާލެއާއި ރަސްމާލެއާއި ދެމެދު އަންޑަ ވޯޓާ ޓަނަލެއް އަޅުއްވާނެކަމަށް ވިދާޅުވި ބީދައިން މި ޕޮރޮޖެކްޓަކީވެސް ރައީސްގެ ހިޔާލީ ވިޝަންއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިރިމަރަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސް ދުވަހުގެ ތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށާއި، ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދޭނެކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގުބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދީ، އުންމީދުގައި ކުލަ ޖައްސައްދިނުމަށް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

