ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވަނިކޮށް، މާލީ ބަޔާންތައް ހެދީ އުސޫލާ ހިލާފަށް: އޮޑިޓު

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑްގެ ކުންފުނީގެ ބޯޑު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ސަރުކާރުން ނިންމާފައިވަނިކޮށް، އެ ކުންފުނީގެ މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި 2024 ވަނަ އަހަރުގެ ކުންފުނީގެ މާލީ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 19 މޭ 2024 ގައި އެ ކުންފުނި އުވާލުމަށް ނިންމަވާފައި ވަނިކޮށް، މާލީ ބަޔާންތައް ތައްޔާރުކޮށްފައިވަނީ ގޮއިން ކޮންސާން އުސޫލުންނެވެ. ގޮއިން ކޮންސާން އުސޫލަކީ، ވިޔަފާރިއެއް ހުއްޓާނުލައި، މުސްތަގުބަލުގައި ވެސް ހިނގަމުންދާނެކަމަށް ބަލައިގެން މާލީ ބަޔާންތައް ތައްޔާރުކުރުމެވެ. އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ މިއީ އެކައުންޓިން މިންގަނޑުތަކާ ހިލާފު އަމަލެއްކަމަށާއި، މީގެ ސަބަބުން ކުންފުނީގެ ހަގީގީ މާލީ ހާލަތު އޮޅުން އަރާފައިވާކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަން އުފެދުނީއްސުރެ ހިންގުމުގައި ދިމާވި މާލީ ބޮޑެތި ގޯސްތަކެއްގެ ސަބަބުން، އެ ކުންފުންޏަށް 43.3 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަން އޮޑިޓު ރިޕޯޓުން ދައްކަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ސްޕޯޓްސް ކޯޕަރޭޝަން އުފެދުނީއްސުރެ އާމްދަނީއެއް ހޯދުމަށް އެއްވެސް ރަނގަޅު މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ޖުމްލަ ގެއްލުން 43.3 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކުންފުނީގެ އިކުއިޓީގެ ގޮތުގައި މިހާރު ހުރީ އެންމެ 783,606 ރުފިޔާކަމަށް އޮޑިޓުން ދައްކައެވެ.

ކުންފުނީގެ ހިންގުމުގެ ހަރަދުތައް އެއްކޮށް ދައުލަތުގެ ބަޖެޓުން ހަމަޖައްސަމުން ދިޔައިރު، ހަރަދުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ރިޕޯޓުގައި ވެއެވެ. އާމްދަނީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭއިރު، މުވައްޒަފުންގެ މުސާރަ އާއި އިދާރީ ހިންގުމަށް ކޮންމެ އަހަރު އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވުމަކީ ދައުލަތުގެ މާލިއްޔަތަށް އުފުލަން ޖެހުނު ބޮޑު ބުރައެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އޮޑިޓަށް ބޭނުންވާ މުހިންމު ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ދަތިތަކާއި ކުރިމަތިވީއިރު، ބައެއް ހިދުމަތްތައް ހޯދުމުގައި އެއްބަސްވުންތަކެއް ނެތި ފައިސާ ދޫކުރުމާއި، މަސައްކަތް ނުނިމެނީސް ބިލުތަކަށް ފައިސާ ދައްކާފައިވާކަންވެސް އޮޑިޓުން އެނގެއެވެ.

ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ އެތެރޭގެ އޮޑިޓް ނިޒާމެއް ނެތުމާއި، މާލީ ކަންކަން ނިންމުމުގައި ބޯޑުގެ ބައިވެރިވުން ކުޑަވުމަކީ މާލީ ހާލަތު މިހާ ބޮޑަށް ދަށަށް ދިޔަ މައިގަނޑު ސަބަބުތަކެވެ.

މީގެއިތުރުން ސްޕޯޓްސް ކޯޕަރޭޝަނުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ސްޕޯޓްސް ސްކޫލް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ހިނގާފައިވާކަން ވެސް އޮޑިޓުން ވަނީ ފެނަމަތިކޮށްފަ އެވެ. އެގޮތުން، އެއްވެސް އެއްބަސްވުމެއް ނެތި ފައިސާ ދޫކުރުމާއި، އާންމުކޮށް އިއުލާނު ކުރުމެއް ނެތި އަމިއްލަ ފަރާތްތަކާ ބޮޑެތި މަސައްކަތްތައް ހަވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، އެޑްވާންސް ފައިސާގެ ރެކޯޑުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

2016 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޅިވަރުގެ އުމްރާނީ ވަސީލަތްތަކުން އާމްދަނީ ހޯދުމަށް އުފެއްދި މި ކުންފުންޏަށް، ވޭތުވެދިޔަ އަހަރު ކުލީގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެއެވެ.

ކުންފުންޏަށް ވަމުންދިޔަ މާލީ ގެއްލުންތަކާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެންނަވައި މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައި މި ކުންފުނި ރަސްމީކޮށް އުވާލައްވާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: