ސަރުކާރުގެ އެންމެ މުހިންމު، އެންމެ އިސް ވާޖިބަކީ، ރައްޔިތުންގެ ސިއްހަތާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ޢަލީ ވަޙީދު މިހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ ފަތުރުވެރިކަމާބެހޭ މައި ޖަމްޢިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވައިލި ގްލޯބަލް ޓޫރިޒަމް ޓްރައިސިސް ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ބުރާސްފަތި ދުވަހު ދެއްކެވި ވާހަކަފުޅުގައެވެ.
ސައުތު އޭޝިއާއާއި ދިވެހިރާއްޖެ ތަމްސީލުކުރައްވަމުން މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ޢަލީ ވަޙީދު ވިދާޅުވީ، މިހާރު އޮތް އެންމެ މުހިންމު މަސައްކަތަކީ ކޯވިޑް-19 ފެތުރުން ހުއްޓުވުންކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ، ކޯވިޑް-19 ފެތުރުން ހުއްޓުވިގެން މެނުވީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ނުފެށޭނެކަމަށެވެ. މީގެ އިތުރުން، އެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ”ރައްކާތެރި ފަތުރުވެރިކަން“ ފެށުމަށް ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.
މި ދިރާސާކުރުމުގައި ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ފެތޭ ގައިޑްލައިނެއް، އެ ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ތައްޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ޢަލީ ވަޙީދު ވަނީ، އެ ކަމަށް އަލިއަޅުވައިލައްވާފައެވެ.
ބުރާސްފަތި ދުވަހުގައި ބޭއްވި މި ބައްދަލުވުމުގައި، ޑަބްލިއުއެޗްއޯއާއި، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނާއި، އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނާއި، އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް އާއި، ކްރޫޒްލައިންސް އިންޓަރނޭޝަނަލް އެސޯސިއޭޝަނާއި ވަރލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

