މުއްދަތުގެ ތެރޭގައި މާލީ ހިސާބުތައް އާންމުނުކުރުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެމްޓީސީސީ ޖޫރިމަނާކޮށްފިއެވެ.
ސެކިއުރިޓީސް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވައިދުގެ 46 ވަނަ މާއްދާގެ ދަށުން އެ ގަވައިދުގެ މާއްދާއަކާ ހިލާފުވާ ނުވަތަ ގަވައިދާ ހިލާފަށް އަމަލުކުރާ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ސީއެމްޑީއޭއަށް އޮވެއެވެ.
ސީއެމްޑީއޭއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ގަވައިދުގެ ދަށުން އެމްޓީސީސީން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި އެ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން ސީއެމްޑީއޭއިން ނިންމާފައިވަނީ އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އެކަން އެ ކުންފުންޏަށް އަންގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކުރުމުގެ މުއްދަތު ހަމަވީ މިދިޔަ މާޗު މަހުއެވެ. އެ މުއްދަތު ހަމަވިއިރު އެމްޓީސީސީން އެދެމުން ދިޔައީ ހިސާބުތައް ހުށަހަޅަން ލިބޭ މުއްދަތު އިތުރުކޮށްދިނުމަށެވެ.
އެ ރިޕޯޓުތަކުގެ އިތުރުން މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ވެސް އެމްޓީސީސީން އާންމުކުރަން ޖެހެއެވެ.

