ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިވަގުތު ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބާރުލާފައި ކޯވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްކަމަށް ހެލްތު މިނިސްޓަރު ޢަބްދު ﷲ އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ނޭނގި ވެސް ރަށުތެރޭގައި އެ ބަލި ޖެހިފައިވާ ބަޔަކު ތިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިހާރު މި އޮތީ މުޖުތަމައަށް މިބަލި ފެތުރެން ފަށާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވަސީލަތްތަކާއި ސިސްޓަމްތަކަށް އެކަށީގެން ނުވާ ވަރަށް ބާރުލާފައި ފެތުރިގެން ގޮސްފި ނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި ފެނުނު މަންޒަރު ފެނިގެން ދާނެ ކަމަށެވެ.
މި ބައްޔާއެކު ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަކަށްވެސް ރާއްޖެއިން އައީ ދުރާލާ ތައްޔާރު ވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކޮމިއުނިޓީ ސްޕްރެޑް ފެތުރެން ފަށާފައިވާއިރު، މި ބަލި ފެތުރޭ މިންވަރު ވީހާވެސް ކޮންޓްރޯލް ކުރުން އެއީ މިވަގުތުގެ ހުރިހާވެސް އަމާޒުކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޙާލަތު އެންމެ ގޯސްވާން ފެށީ އިޖްތިމާޢީ ގޮތުން ބަހައްޓަންޖެހޭ ދުރުމިން ނުބަހައްޓާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ނޭޅުމުގެ ސަބަބުން ކަމަށެވެ.
”ކޮމިއުނިޓީ ސްޕްރެޑް މިހާރު މިއޮތީ ފެށިފައި. ދެން އެންމެ މުހިއްމުކަމަކީ ބާރުލާފައި ފެތުރޭ މިންވަރު ހުއްޓުވުން. ކޮންޓްރޯލް ކުރުން. ސިސްޓަމްއަށް ނުކަތާ ވަރަށް ފެތުރޭ ފެތުރުން ހުއްޓުވުން.“ މިނިސްޓަރު
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންވެސް ކިޔަމަންވުން މުހިއްމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކޮންމެހެން ބައްދަލުކުރަން ޖެހޭ މީހުން ފިޔަވާ އިތުރު މީހުންނާއި ބައްދަލުނުކުރުމާއި، ކޮންމެހެން ދާންޖެހޭ ތަނެއް ފިޔަވާ އިތުރު ތާކަށްނުގޮސް، ގޭގައި މަޑުކުރުން މުހިއްމުކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ލޮކްޑައުންގައި ތިބެން ޖެހުމުން ދިމާވާ ދަތިތައް ހައްލުކޮށްދޭން ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި އުނދަގޫ ވަގުތުގައި ކެތްތެރިކަމާއެކު އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ކާބޯތަކެތި ރާއްޖެ ގެނައުމަށާއި އެތަކެތި ހޯލްސޭލް ކުރާ ފަރާތްތަކުން ރީޓެއިލް ކުރާ ވިޔަފާރިތަކާ ހަމައަށް ގެންދިއުމަށް އާ އިންތިޒާމް ތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

