ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިންތައް ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރުއެވެ. މި އިސްލާހަކީ ކައުންސިލްތަކުގެ އިހުތިސޯސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ ބަދަލެކެވެ.
މި ބަދަލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމާއި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުން ކަމަށް މެންބަރު ފާހަގަކުރައްވާފައިވެއެވެ.
ބިލުގެ 56 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ، ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި، އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމައި، ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެކަން އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ.
މީގެ އިތުރުން، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް، ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ބިމަކަށް އެދިއްޖެނަމަ ކައުންސިލުން އެ ބިމެއް ގައުމީ އިދާރާއާ ހަވާލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅާފައެވެ.
މި ބިލުގައި ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުން މަނާކުރާ ހާއްސަ މާއްދާއެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލްތަކަށް މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ކުރިމަތިކުރުމަކީ ކޮށްގެން ނުވާނެ ކަމެކެވެ. މި އިސްލާހު ފާސްވެއްޖެނަމަ، ރަށްރަށުގެ ބިންތަކުގެ މައްޗަށް ކައުންސިލްތަކަށް އޮންނަ ބާރުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

