މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަށް ކޭސް ރާއްޖޭގެ ވެރިރަށް މާލެއިން ފެނި މުލި މާލެ ލޮކްޑައުންކޮށް ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ފިހާރަތަކާއި ހޮޓާ ކެފޭތަކަށް ޑެލިވަރީ ކުރުމަށް ހުއްދަ ދީފައިވާ ވަގުތުތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްިއން ބަދަލު ގެނެސްފިއެވެ.
ފުލުހުން ބުނީ މިހާރު ފިހާރަތަކަށް (ހޯލްސޭލް/ރީޓެއިލް) 24 ގަޑިއިރު ޑެލިވަރީ ކުރެވޭނެ ކަމަށެވެ. އަދި ހޮޓާ ކެފޭ ރެސްޓޯރެންޓްތަކުން ޑެލިވަރީ ކުރާ ފަރާތްތަކަށް ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ޑެލިވަރީ ކުރެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ ކުރިން ދަންވަރު 12:00 އަށް ފަހު ޑެލިވަރީގެ ހިދުމަތް ނުދެވޭ ގޮތަށް އޮތީ ހަމަޖައްސާފައެވެ.
މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން މިއަދު ވަނީ ނިންމާފައެވެ.
އެގޮތުން މިހާތަނަށް މާލެއިން އަށް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ. މުޅި ރާއްޖެއިން މި ބައްޔަށް 28 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

