ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ އިންތިހާބުތަކާއި ނިންމުންތައް ނިންމާނީ އެހެން ބަޔަކު ބަލަން ބޭނުންވާ ގޮތަކަށް ނޫންކަމަށާއި، އެކަން ކުރާނީ ޕާޓީގެ އުސޫލުތަކުގެ ތެރެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުން އިންތިހާބު ކުރުމަށް ހާމަ ވޯޓެއް ނަގަން އެ ޕާޓީން ނިންމި ނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ މަގާމުތަކަށް މެންބަރުން ހޮވަންޖެހެނީ ސިއްރު ވޯޓަކުންކަން ހާމަވެފައި ވަނިކޮށެވެ.
ޕީއެންސީއަށް ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން، ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ފާޅުގައި ކުރިއަށްގެންދިއުމަށް ނިންމިކަން ރިޕޯޓު ކުރުމާއި އެކު އެކަން ދިފާއުކޮށް ޕީއެންސީން ބަޔާނެއް ވެސް އާންމު ކުރި އެވެ.
ޕީއެންސީން މިރޭ އއ. އުކުޅަސްގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކީ ހިތްހަމަޖެހުމާއި، އަމާންކަމާއި ރައްކާތެރިކަމާ އެކީގައި ނިދާލެވޭނެކަމުގެ ޔަގީންކަން އޮތް ރައްޔިތަކަށް ހަދައިދިނުމަށްޓަކައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޮޑުތަނުން ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކަމަރު ބަންނަން ޖެހޭކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒުގެ އަމާޒަކީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2028 ގެ އިންތިޚާބު ކާމިޔާބުކުރުމަށްވުރެ މުހިންމު ކަމެއް މިވަގުތު ނެތްކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ވެރިކަމަށް ނުކުންނަން ތިބީ މީގެ ކުރިން ވެރިކަން ދިނުމުން ފެއިލްވެފައިވާ ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ދިނުމުން ގައުމަށް ވީގޮތް ރައްޔިތުންނަށް ފެންނަން އެބައޮތްކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް މާލޭގައި ބާއްވާ ކޮންގްރެސްއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ޕާޓީއަކުން ބާއްވާނެ އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ ކަމަށެވެ. ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ މަންދޫބުންނާއެކު ބާއްވާ މި ކޮންގްރެސްއަކީ ދިވެހިރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ ޓީމު އެކުލަވައިލާނެ މަދުހިއްސާއެއްކަމަށް ސިފަކުރެއްވިއެވެ.
ޕީއެންސީން ބާއްވާނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު، އެންމެ ބިޔަ ކޮންގްރެސް. ބަޔަކަށް ހަޖަމުވިޔަސް، ނުވިޔަސް އަޅުގަނޑުމެން މިކަން ކުރާނީ މި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް.
އަބްެދުއްރަހީމް ވިދާޅުވީ، ކޮންގްރެސްއަށް ފާޑުކިޔާ ފަރާތްތަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އެނގިވަޑައިނުގަންނަވަނީ ކަމަށެވެ. ގާނޫނުގައި އޮންނަނީ ކޮންގްރެސްގައި އަމަލުކުރާނެ ގޮތް ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަންވާނެ ކަމަށްކަމަށާއި، ޕީއެންސީން މަސައްކަތް ކުރަނީ އެ އުސޫލުގެ ތެރެއިންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޕާޓީގެ އިންތިހާބުތަކާއި ނިންމުންތައް ނިންމާނީ އެހެން ބަޔަކު ބަލަން ބޭނުންވާ ގޮތަކަށް ނޫންކަމަށާއި، އެކަން ކުރާނީ ޕާޓީގެ އުސޫލުތަކުގެ ތެރެއިންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިހާރުވެސް ރަށްރަށުގެ ސްޓިއަރިންގ ކޮމިޓީތަކާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން، އަދި އަންހެނުންނާއި ޒުވާނުންގެ ގޮފިތަކުގެ ރައީސުން ކަނޑައަޅައި ނިމިފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

