ކޯވިޑް19 އާއި ގުޅިގެން މުޅި ރާއްޖޭގައި އިއުލާންކޮށްފައިވާ ކަރފިއުއާއި އެއްގޮތަށް އާއްމުން އަމަލުނުކޮށް ބޭރުގައި އުޅޭ ފަރާތްތަކާއިމެދު މިރޭ 08:30 އިން ފެށިގެން ފިޔަވަޅުި އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންް މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައިވަނީ މިރޭ 08:30 އިން ފެށިގެން މަގުމަތީގައި ހުއްދަނެތި އުޅޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ގެއިން ބޭރަށް ނުނުކުމެ ތިބުމަށް ފުލުހުންވަނީ އލްތިމާސްކޮށްފައެވެ.
ސަންގުޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ފުރަތަމަ ފަހަރަށް އަޅާ ފިޔަވަޅަކީ 1000 ރުފިޔާއިން ޖުރުމަނާކުރުންކަމަށާއި، ދެވަނަ ފަހަރަށް މަގުމަތިން ފެނިއްޖެނަމަ އެމީހެއް ފުލުހުންގެ ބަންދަށް ގެންދާނެކަމަށެވެ.
https://twitter.com/PoliceMv/status/1251167365418545153?s=20
މާލެ ސަރަހައްދުގައި މިދިޔަ ދުވަހު އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމަން މިއަދު ވަނީ ނިންމަވާފައެވެ. އެ ނިންމެވުމާ އެކު، އަންނަ މަހުގެ 1 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އޮންނަނީ ލޮކްޑައުންގަ އެވެ. އަދި ތިލަފުއްޓާއި ގުޅީފަޅަށް އެ މުއްދަތުގައި އަރައިފޭބުން މަނާވާނެއެވެ.
ލޮކްޑައުންކުރިނަމަވެސް އާއްމުންގެ ފަރާތުން މިކަމަށް އެއްބާރުލުން ނުލިބި މާލޭ މަގުތައް އާއްމު ފެނަވަރެއްގައި އާއްމުން މަގުމަތީގައި އުޅުމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރިއެވެ. ތަފާތު އިލްތިމާސްކުރުމަށްފަހުވެސް އެއްބާރުލުން ނުލިބުމުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިވަނީ ދީފައެވެ.

