އެމްޑަބްލިއުއެސްސީގެެ މެެނޭޖިން ޑިރެކްޓަރު ޙަސަން ޝާހް ތާޒާ ފެން ކޭސް ޑެލިވަރީކޮށްދެއްވަން ނިކުންނަވައިފިއެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހުގެ އިތުރުން، މިއަދު މެންދުރުފަހު 14:00 ގައި، ތާޒާ ފެން ޑެލިވަރީކޮށްދެއްވަން ނިކުންނަވާފައިވަނީ، އައިލަންޑް ބެވަރޭޖްސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރެވެ.
ލޮކްޑައުންގެ މި ހާލަތުގައި ފެން ޑެލިވަރީކޮށްދެއްވަން މި ދެބޭފުޅުން ނިކުންނަވާފައިވަނީ، ގިނަ ޢަދަދަކަށް އޯޑަރުތައް ލިބިފައި ހުރުމުންކަމަށް އެ ކުންފުނިން ބުނެއެވެ.
މި ގޮތުން، ފެން ޑެލިވަރީކޮށްދިނުމުގައި، ޕިކަޕު ޑްރައިވަރެއްގެ ގޮތުން ހަރާކާތްތެރިވެލައްވަމުން ގެންދަވަނީ، އެމްޑަބްލިއުއެސްސީގެ އެމްޑީ ޙަސަން ޝާހުއެވެ.
މީގެ އިތުރުން، ގޭބީސީތަކާ ހަމައަށް ފެން ކޭސްތައް ޑެލިވަރީކޮށްދެއްވަނީ އައިލަންޑް ބެވަރޭޖްސްގެ އެމްޑީ އިބްރާހިމް އަންވަރެވެ.
ޑެލިވަރީތައް ގިނަވުމާއެކު އެ ކުންފުނީގެ އެދުމަކަށް ފުލުހުން ވެސް މިހާރުވަނީ އެ މަސައްކަތްތަކުގައި ބައިވެރިވެފައެވެ.
އެ ކުންފުނިން މިއަދު ފެށި މި މަސައްކަތް މިރޭ 12:00 އާއި ހަމައަށް ކުރިއަށް ގެންދާނެކަމަށް ވެސް އެ ކުންފުނިންވަނީ ހާމަކޮށްފައެވެ.
ލޮކްޑައުންގެ މި ހާލަތުގައި ފެން ހޯދުމަށްއެދި ކޮށްފައިވާ އޯޑަރުތައް އިތުރުވުމާއެކު، ބުރާސްފަތި ދުވަހު އެ ކުންފުނިންވަނީ ތާޒާފެނަށް އޯޑަރުކުރުމަށް ޚާއްސަ އޮންލައިން ފޯމެއް ވެސް ތަޢާރަފްކޮށްފައެވެ. ބުރާސްފަތި ދުވަހު ތަޢާރަފުކުރި މި ފޯމު އެ ކުންފުނީގެ ވެބްސައިޓުގެ އިތުރުން ޓުވިޓަރއާއި ފޭސްބުކް މެދުވެރިކޮށް ފުރިހަމަކޮށްލެވޭނެކަމަށާއި، ހޮޓްލައިން ނަންބަރު 9885544 މެދުވެރިކޮށް ވެސް އޯޑަރުކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

