އއ. އުކުޅަހުގައި ގޯތި ދޫކުރުމަށާއި ފްލެޓު އެޅުމަށް ހިއްކާފައިވާ ބިމަށް ދެ ހެކްޓަރު އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުކުޅަހަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރޭ އުކުޅަހުގައި ބެއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދެކެވުނު ކަމަށެވެ. އެގޮތުން ރަށުގެ ހިއްކި ބިމަށް އިތުރަށް ޖާގަ ބޭނުންވާތީ އިތުރު ދެ ހެކްޓަރުގެ ބިން އިތުރުކޮށްދެއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
”ގޯތީގެ މައްސަލަ، ބޯހިޔާވިކަމުގެ މައްސަލަ، ބޯހިޔާވަހިކަމުގެ ކަންތައްތައް، މިކަމަށް އަޅުގަނޑު ހަމަ ދެންނެވިން ހިއްކާފައި އޮތް ބިން އަދި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް، ލެވެލް ކުރުމާއި މިކަހަލަ ބައެއް ކަންތައްތައް ހުރުމާއި އަދި ކޮންމެވެސް ވަރަކަށް ޖާގަކޮޅެއް އިތުރަށް ބޭނުންވާތީ، ގާތްގަނޑަކަށް ދެ ހެކްޓަރުގެ ބިން އިތުރުކޮށްދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން،“ ރައީސް ޑރ. މުއިއްޒު
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ތެރެއިން ވެސް ރައްޔިތުންނަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުފައިވެއެވެ.
އިއްޔެ އުކުޅަހު ކައުންސިލުން ވަނީ ރަށުގެ ހިއްކި ބިމާ ގުޅުވައި އިތުރު ބައެއް ހިއްކުމުގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކުރުމަށް ވެސް އެދިފައެވެ. އަދި މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މަގުހަދައިދިނުމަށް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ.
އޭގެ އިތުރުން، ރަށުގެ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ދަތިކަން ކައުންސިލުން ހިއްސާކުރެއްވިއެވެ. އަދި ރަށުގެ ކުނި ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމަށާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދުނެވެ.

