ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާ އެކު ބިން ދޫކުރެވޭ ގޮތަށް ބިމާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.
މި ބަދަލާ އެކު، 2024 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ބިން ދޫކުރުމުގެ ކުރީގެ ގަވާއިދު މިހާރު ވަނީ އުވާލާފައެވެ.
އަލަށް ގެނެވުނު އިސްލާހުގެ ދަށުން، ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ބިމާ ބެހޭ އިދާރާގެ ލަފާގެ މަތިންނެވެ. މީގެ އިތުރުން، ދޫކުރާ ބިމުގެ އަގާއި ކުލި ކަނޑައެޅުމުގެ އުސޫލުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ބިމުގެ އަގާއި ކުލި ކަނޑައެޅުމުގެ ޒިންމާ މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކު އިސްކޮށް ހުންނަވާ ލޭންޑް ވެލުއޭޝަން ކޮމިޓީ އަށެވެ. މި ކޮމިޓީގެ އެކުލެވުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ބަދަލުގައި ބިން ބޭނުންކުރުމާ ބެހޭ ވުޒާރާގެ ދެ މެންބަރުން މިހާރު ވަނީ ހިމަނާފައެވެ.
މި ކޮމިޓީގައި ތަފާތު ދާއިރާތައް ތަމްސީލުކުރާ ޖުމްލަ 9 މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި މާލީ، އިގްތިސާދީ، މަސްވެރިކަން، ފަތުރުވެރިކަން، އިމާރާތްކުރުން، ދަނޑުވެރިކަން އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ތަމްސީލުކުރާ މެންބަރުން ހިމެނެއެވެ.
މި ބަދަލުތަކަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ބިން ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގެނެވުނު ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

