ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގެ އެއްވެސް ކެޕޭސިޓީއެއް ނެތްކަމަށާއި، ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް ތާއީދު މުޅިން ގެއްލިފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅޭގޮތުން، ސަންގުޓީވީން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ގާތްވަމުންދާއިރު، ރައްޔިތުން އުޅެމުންދަނީ އިންތިހާ ދަތި ހާލަތެއްގައި ކަމަށެވެ. އަދި މި ދަތިތަކުން އަރައިގަނެވޭނެ އެއްވެސް މަގެއް ދައްކައިދިނުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމަށް ކުރެވުނު ޓެސްޓުތަކުން ސަރުކާރު ފެއިލްވެފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން، މުޅި ސަރުކާރު ނުކުމެ ބާރުލައި މަސައްކަތްކުރި ނަމަވެސް، އިންތިހާބުތައް އެއްކޮށްލުމަށް ބޭނުންވި ރެފްރަންޑަމް ވޯޓު ކާމިޔާބު ނުވުމާއި، މާލޭގެ މޭޔަރުކަމުގެ ގޮނޑި ގެއްލުމުން ފެންނަނީ ސަރުކާރާ ދޭތެރޭ ރައްޔިތުންގެ އޮތް ނުރުހުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖެނެރަލީ ފީލްވޭ، މި ހުރިހާ ދައްޗަކުން އަރައިގަތުމުގެ ފޯމިއުލާއެއް ސަރުކާރުގައި ނެތީމާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައިވެސް ތާއީދު އިތުރުވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ރައީސް މުއިއްޒު އަމިއްލަފުޅަށް ވެސް މިހާރު ގަބޫލުކުރައްވާނެ ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެވޭ ވަރާ ގާތަށްވެސް ވޯޓު ލިބިވަޑައިނުގަންނަވާނެކަން
މީގެ އިތުރުން، އާސަންދަ ނިޒާމު ބަނގުރޫޓުވެފައިވާ ކަމަށާއި، ކުރިން އާސަންދަ ލިބެމުންދިޔަ ބޭރުގެ ގިނަ ހޮސްޕިޓަލްތަކުން މިހާރު އެ ހިދުމަތް ކަނޑާލާފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން އުފުލަމުންދާ މިފަދަ ތަކުލީފުތަކުގެ ނަތީޖާއަކަށް ވާނީ ރައީސް މުއިއްޒަށް އޮތް ތާއީދު މުޅިން ގެއްލިގެން ދިއުން ކަމަށެވެ.

