ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ބޭނުންވަނީ މަޖީދީ މަގުގައި މުޒާހަރާކުރަން!

އެޕްޑީގެ މުޒާހަރާއެއްގެ ތެރެއިން / ފޮޓޯ :އެމްޑީޕީ އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމްޑީޕީގެ ފަރާތުން މިމަހުގެ 13 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާދު ކުރުމަށް ބޭނުންވަނީ މަޖީދީމަގުން ކަމަށް އެޕާޓީން ބުނެފިއެވެ.

ތަކެތީގެ އަގާއި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ ބާއްވާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.

މިއަދު ހެނުނު އެޕާޓީން ފުލުހުންނާއި ބައްދަލުކުރުމަށްފަހު ނޫސްވެރިންނާއިވަނީ ބައްދަލުކޮށްފައެވެ. އެގޮތުން މީޑީއާތަކަށް މައުލޫމާތުދެމުން އެޕާޓީން ބުނެފައި ވަނީ މި އިހުތިޖާދު ކުރިއަށް ގެންދަން ބޭނުންވަނީ މަޖީދީމަގުއިކަމަށެވެ.

މިގޮތުން ސީދާ މަޖީދީމަގުގައި ހަރަކާތް ފެށުމަށް ފުލުހުންނަށް ހުށައަޅާފައިވާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ފައިސަލް ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެން ޕޮލިހަށް ހުށައަޅާފައި އޮންނާނީ ސީދާ މަޖީދީމަގނުންދާ ގޮތަށް ، އަޅުގަނޑަށް ހީވަނީ އެބޭފުޅުން ހުއްދަ ދެއްވާނެހެން. ދެން ވިދާޅުވި ތިމަންނާމެންގެ ވެރިންނާއި މަޝްވަރާ ކުރުމަށްފަހު ޖަވާބެއްދޭނަމޭ.“ ފައިސަލް

ފައިސަލް ވިދާޅުވީ، ޤާނޫނީ ހުއްދައިގެ ދަށުން މަޖީދީމަގުން އިހުތިޖާދު ކުރެވޭނެކަމަށް ޤަބޫލުކުރެވޭކަމަށާއި އަދި އެމްޑީޕީން ކުރިއަށް ގެންދަން އުޅެނީ ސުލްހަވެރި ހިނގާލުމެއްކަމަށާއި މުޒާހަރާގެ މަޤްސަދަކީ ސުލްހަވެރިކަމާއި އެކު ޝުއޫރު ފާޅުކުރުންކަމުގައެވެ. މީގެ ކުރިން މަޖީދީމަގުގައި ބާއްވަން އުޅުނު ތިން މުޒާހަރާއަކަށް ފުލުހުން ހުރަސްއަޅާފައިވާކަމަށާއި މިގޮތުން މުޒާހަރާގެ ރޫޓު ފުލުހުންނަށް ފޮނުވުމުން އެރޫޓު ކޮންމެވެސް ގޮތަކުން ބަދަލުކުރާކަމަށް އެޕާޓީންވަނީ ފާހަގަކޮށްފައެވެ.

މިފަހަރުވެސް މަޖީދީ މަގު ނޫން ތަނެއްގައި މުޒާހަރާ ކުރިއަށް ނުގެންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ފުލުހުންގެ ފަރާތުން މިކަމަށް އަދި ރަސްމީ ޖަވާބެއް ނުލިބުނު ނަމަވެސް، އެދެވޭ އިޝާރާތެއް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަންވަރު އިބްރާހިމް ވިދާޅުވީ، އެމްޑީޕީން އުޅެނީ އަހަރީ ދުވަހުގެ ހިނގާލުމެއް ބާއްވާކަށް ނޫންކަމަށާއި އެ ޕާޓީން އުޅެނީ މުޒާހަރާއެއް ބާއްވަން ކަމަށެވެ. އަދި މާލޭގެ ބޭރުމަގުން މުޒާހަރާކުރީމައި އެއަޑު އިވެނީ ހަމަ އެކަނި މުޒާހަރާގެ ބައިވެރިންނަށް އެކަނިކަމަށާއި މުޒާހަރާ މަޖީދީމަގުގައި ބާއްވަން ބޭނުންވަނީ ގިނަ ރައްޔިތުން އުޅޭނީ މަޖީދީ މަގުގައިކަމަށްވުމުން ކަންބޮޑުވުންތަކުގެ އަޑު ހުރިހާ ރައްޔިތުންނަށް އިވޭނީ އޭރުންކަމަށެވެ. އޭނާ ވިދާޅުވީ، މުޒާހަރާގެ ރޫޓު މިހާރު ފުލުހުންނާއި ހިއްސާކޮށްފައިވާނެކަމަށާއި އުއްމީދަކީ މަޖީދީމަގުގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން މިފަހަރު ހުއްދަދޭނެކަމަށެވެ.

”މާލޭގެ ބޭރުމަގުން ހިނގާފިއްޔާ މުޒާހަރާގެ އަޑު އިވެނީ މުޒާހަރާގެ ބައިވެރިންނަށް އެކަނި. އަޅުގަނޑުމެން މިއަޑު އިއްވަން އެބޭނުންވޭ މާލޭގައި ދިރިއުޅޭ ވީހާވެސް ގިނަ މީހުންނަށް“  އަންވަރު

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ”ކަޅު ހުކުރު“ ދުވަހާ ދިމާކޮށް އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ވެރިރަށް މާލޭގައި ބޭއްވުމަށް ނިންމި ބޮޑު މުޒާހަރާވަނީ މިމަހުގެ 13 އަށް ފަސްކޮށްފައެވެ. ”ދަތިވެއްޖެ“ ޝިއާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖުގެ ތާރީޚާއި ވަގުތަށް މިހާރު ބަދަލު ގެނެވިފައިވާއިރު އެހަރަކާތް ދެން ކުރިއަށްދާނީ އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކަމަށް ޕާޓީން ބުނެއެވެ.

އެ މުޒާހަރާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީއާއި، އާންމު ރައްޔިތުންނަށް ދިރިއުޅުމުގައި ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން ސަރުކާރަށް އަޑު އިއްވުން ކަމަށް އެޕާޓީން ބުނެއެވެ.

ޚާއްސަކޮށް އާންމު ރައްޔިތުންގެ ޖީބަށް ބާރުބޮޑުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުން މި ހަރަކާތުގައި ހިމެނެއެވެ. އިގްތިސާދީ ގޮންޖެހުންތަކާ ގުޅޭގޮތުން އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި، ކާބޯތަކެތީގެ އިތުރުން ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލިފައިވުމަކީ ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

އޯގަސްޓު 13 ގައި ބާއްވާ މުޒާހަރާއަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔުމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ބައެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: