ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އެޗްޑީސީން އިސް ނަގައިގެން މިހާރު ފަށާފައިވާ ”މަދިރިން ރައްކާ“ ކެމްޕޭނުގެ ދަށުން ވަނީ އެ ކުނިތައް ސާފުކޮށްފައެވެ. އެ މަސައްކަތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފުލުހުންނާއި ވެމްކޯ އަދި މޯޕާ ވެސް ބައިވެރިވިއެވެ.
”މަދިރިން ރައްކާ“ ކެމްޕޭނުގެ ދަށުން ހިންގާ ސާފުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ފެށި މުހިންމު ހަރަކާތެއް ކަމަށެވެ.
މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވައި، ޒުހައިރު ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ޚާއްސަކޮށް، ހުޅުމާލެއަކީ ކުނިބުނިން ސަލާމަތްވެފައިވާ ސާފުތާހިރު ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށް ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން ހުޅުމާލޭގައި ކުނި ގިނަވުމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުނި ނެގުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެކަމަށްވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.
އަމާން ޓަވަރުތައް ހުރި ސަރަހައްދު ސާފުކުރުމަށް އިއްޔެ ފެށި ހަރަކާތުގެ ތެރެއިން 670 ޓަނުގެ ކުނި މިހާތަނަށް އުކާލާފައިވާއިރު، އެ މަސައްކަތުގެ ބާކީ ބައި މިއަދު ފުރިހަމަކުރުމަށް ނިންމާފައި ވެއެވެ. ސާފުކުރުމުގެ ހަރަކާތް ނިންމުމަށްފަހު، އެ ސަރަހައްދު ހިތްގައިމު ”ގްރީން ޒޯނަކަށް“ ބަދަލުކުރުމަށް ވަނީ ނިންމައިފަވެ. އެގޮތުން، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ޖޯލިފަތިތަކާއި، ބައްތި ހަރުކުރުމުން، އެއީ އަމާން ޓަވަރުތަކުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެއެވެ.
މީގެ ކުރިންވެސް އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތައް އެފްޑީސީން ކުރިއަށް ގެންގޮސްފައިވާއިރު، ”ފަހި ސާފުވެށި“ ކެމްޕެއިނުގެ ދަށުން މިހާތަނަށް ހިންގުނު ސާފުކުރުމުގެ ހަރަކާތްތަކުގައި އެ ސަރަހައްދުތަކުން ޖުމްލަ 5040 ޓަނުގެ ކުނި ވަނީ އުކާލާފައެވެ.
މިއީ ގާތްގަނޑަކަށް 670,320 ކޮތަޅުގެ ކުންޏެވެ. ތަފާސްހިސާބުތަކަށް ބަލާއިރު،އޮކްޓޫބަރު 2025 އިން މާރިޗު 2026 އަށް ހިންގި ހަރަކާތުގައި 3,178 ޓަނުގެ ކުނިއުކާލެވިފައިވާއިރު، މެއި އިން ޖޫން އަށް ކުރިއަށްދިޔަ ޕްރޮގްރާމްގައި 1,862 ޓަނުގެ ކުނިވަނީ އުކާލެވިފައެވެ.

