ގދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް ކަލެކްޝަން ޕޮއިންޓްގެ ގޮތުގައި ގދ. ގައްދޫ ޚިޔާރުކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ”އިމުގާ“ މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުަށަހަޅާއިރު ”ކަލެކްޝަން ޕޮއިންޓް“ ގެ ގޮތުގައި ގދ. ގައްދޫ ޚިޔާރުކުރެވޭނެކަމަށެވެ.
ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައި ވަނީ އިއްޔެއެވެ.
މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ގައްދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ހިދުމަތް ފަށާފައިވާއިރު ގދ. އަތޮޅުގެ 2 ރަށުން މިހާރު އެ އަތޮޅުގެ ރައްޔިތުންނަށް އެ ހިދުމަތް ލިބޭނެއެވެ.
ގދ. ގައްދޫއިން ޕާސްޕޯޓުގެ ޚިދުމަތް ލިބެން ފެށުމަކީ އެ ރަށުގެ ރައްޔިތުންނާއި، އެ އަތޮޅުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން ޕާސްޕޯޓު ހެއްދުމަށް ޓަކައި އަތޮޅުތަކުގެ ރައްޔިތުން ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރުކުރަން ޖެހުނު ނަމަވެސް، މި ޚިދުމަތާއެކު ރައްޔިތުން އުފުލަމުން ދިޔަ މާލީ ބުރައަށް ނިމުމެއް އަންނާނެއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިންމު ހިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިންމު އަމާޒެއް ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

