ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ ގާނޫނާ ޚިލާފު ނިންމުންތަކަކަށް ވިޔަސް، އެކަމަށް ގާނޫނީ ފަރުވާއެއް ހޯދޭނެ ގޮތެއް ގާނޫނުއަސާސީގައި ލިޔެވެން ޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ ޕީއެންއެފް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިލްމީ ގާބިލުކަމާ މެދު ސުވާލު އުފައްދަވައި، ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ބާރުތައް ޖަވާބުދާރީކުރުވޭނެ ހަރުދަނާ ނިޒާމެއް ގާނޫނުއަސާސީގެ ތެރެއިން ފެންނަން ނެތް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ގާނޫނުތަކަކީ ރައްޔިތުންގެ އުޅުމާއި މިސްރާބު ކަނޑައަޅައިދޭ އެއްޗަކަށްވާއިރު، އެ ގާނޫނުތައް ހަދަން ތިބޭ ބައެއްގެ ކިބައިގައި އެއްވެސް ކަހަލަ އިލްމީ ގާބިލުކަމެއް ހުންނަން ނުޖެހޭކަމަށް ބުނުމަކީ ގަބޫލުކުރަން އުނދަގޫ ވާހަކަތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދުގެ ރައްޔިތުންގެ މަޖިލިސް އޮތީ އެފަދަ ގާބިލުކަމެއް ނެތް ހާލަތެއްގައެވެ.
ދައުލަތުގެ ހުރިހާ ބާރުތަކެއްގެ ކަންކަން ބަލަހައްޓައި، ފާރަވެރިވާން އޮތް ބަޔަކީ ރައްޔިތުންގެ މަޖިލިސް. އެކަމަކު މަޖިލީހުން ކަންކަން ނުކޮށް ދޫކޮށްލުމާއި، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނައިރު އަޅާނުލުމަކީ ގައުމީ މަސްލަހަތު ހިމެނޭ ގޮތެއް ނޫން
ގާނޫނުއަސާސީއަށް 18 އަހަރުވެފައިވާއިރު، މަޖިލިސް ޖަވާބުދާރީ ކުރުވޭނެ ގޮތެއް އޭގައި ނެތުމަކީ ހިތި ތަޖުރިބާއެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީ ފަރުމާކުރިއިރު، މިއަދު މި ފެންނަ ފަދަ ނުކުޅެދޭ ހާލަތެއް އަތުވެދާނެކަމަށް އުންމީދު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އޮންނަ ފަދައިން، މަޖިލީހުން އިހުމާލުވާ ކަންކަމުގައި ޒިންމާ ކުރުވާނެ ނިޒާމެއް ގެންނަން ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ، މިއަދު ފެންނަނީ ގާނޫނުއަސާސީގެ އުނިކަމަށްވުރެ ބޮޑަށް، އެ ތަންފީޒުކުރަން ތިބި މީހުންގެ ފެންވަރު ނެތްތަން ކަމަށެވެ. އަދި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ އަމާނާތެއް އަދާކުރާ ބައެއްކަން އެފަދަ ބޭފުޅުން ހަނދާން ނެތިފައިވާކަމަށް ވިދާޅުވި އެވެ.
އެހެންކަމަށްވާނަމަ މަޖިލިސް ޖަވާބުދާރީކުރުވޭނެ ގޮތެއް އޮންނަންވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނުއަސާސީގަ، އެހެންވީމަ އެއީ މިހާރު ގާނޫނުއަސާސީގަ ގާނޫނުއަސާސީ ފަރުމާކޮށްފިއޭ އިނގޭތޯ؟ އަޅުގަނޑުމެން ފަރުމާކުރީއަކީ މިކަހަލަ މުކައްބަތަކެއް އައިސްފަ، މުކައްބަ ސެޓެއް އައިސްފަ ގާނޫނުއަސާސީ ނޫނީ ދައުލަތް ހިންގާކަށެއް ނޫން.
ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ އިސްތިގުލާލު ގެއްލި، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު މަޖިލީހުން އަޅާނުލާ ދޫކޮށްލާ ނަމަ، އެކަން ހުއްޓުވޭނެ ގޮތެއް ގާނޫނުއަސާސީގެ ތެރެއިން ފެންނަން އޮންނަންޖެހޭނެ ކަމަށެވެ. ދައުލަތުގެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޖިލިސް ނުކުޅެދިއްޖެ ނަމަ، އެ މަޖިލިސް ޒިންމާދާރުކުރުވާނެ އިތުރު ފަރާތެއް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ބައިކެމަރަލް ލެޖިސްލޭޗާ ނުވަތަ ދެ މަޖިލިސް އެކުލެވޭ ނިޒާމަށް އިޝާރާތް ކުރައްވާފައެވެ. މިސާލެއްގެ ގޮތުން އެމެރިކާގެ ކޮންގްރެސް އަދި ސެނެޓް އޮންނަ އުސޫލު ނަންގަވައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އިހުމާލުވާ ކަންކަމުގައި ޒިންމާދާރުކުރުވާނެ މަތީގެއެއް ފަދަ ނިޒާމެއްގެ ގާއިމު ކުރެވިދާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނުވަތަ އަދުލުވެރި ނުވެ ނިންމާ ނިންމުންތަކާއި އެކު ވެސް، އެކަމަށް ގާނޫނީ ފަރުވާއެއް ހޯދޭނެ ގޮތެއް ގާނޫނުއަސާސީގައި ސާފުކޮށް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން ގާއިމުކޮށްފައި ހުންނަ އުސޫލުތަކާއި ޕްރެސިޑެންޓްސްތައް މިއަދު ފެންނަނީ ގާނޫނާ ހިލާފަށް ބަދަލުކުރަމުންދާ ތަންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގަ އެތިބޭ ހަތް މީހުން މިސާލަކަށް ކިތަންމެ އަދުލުން، އަދުލާ ދުރު ކަމެއް ކުރިޔަސް. ހަމަ ބައެއް ކަންތައްތަކުގަ ސުޕްރީމް ކޯޓުން ކަމެއް ނިންމައިފިކަމަށް ވަންޏާ މީ ބަލަނީ ގާނޫނެއް ހެދެންދެން. އެ ނިންމެވި ކަންތައް ބަދަލުކޮށްލާނެ ގާނޫނެއް ހެދެންދެން. އަޅުގަނޑުމެން ގަބޫލުކޮށް އުޅެނީ އެއީ އިސްތިގުރާރު އެފަދަ އުސޫލެއް. އެ އުސޫލުންނޭ ދެން އަންނަ ކަންތައްތައް ނިންމާވަނީ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް މި ފެނެނީ ސުޕްރީމް ކޯޓުގަ އިސްތިގުރާރުކޮށްފަ ހުންނަ އުސޫލުތައް އެމީހުންގެ ބަނޑެކޮށްލެއްޖަހާ. ގާނޫނަށް ކަނޑުލާ. އެހެންވީމަ ސުޕްރީމް ކޯޓުވެސް ޒިންމާދާރުކުރަން އެބަޖެހޭ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކަމެއް ނިންމައި، އުސޫލެއް ކަނޑައަޅައިފި ނަމަ، އެ ނިންމުމަކީ ގާނޫނެއް ފަދައިން އަމަލުކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެ ނިންމުމެއް ބަދަލުކުރެވެން އޮންނަނީ ހަމައެކަނި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ވަކި ގާނޫނެއް ހަދައިގެން ކަމަށްވާއިރު، އެ ނިންމުން ނިންމި ފަރާތްތައް ޒިންމާދާރުކުރުވޭނެ އިތުރު ގޮތެއް ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ގިނަ ފަހަރަށް، ގާނޫނެއް ހެދެންދެން އޮތް ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުގެ ނިންމުންކަމަށް ބަލައިގެން ތިބެ، އަނެއްކާވެސް ސުޕްރީމް ކޯޓުގެ ނިންމުމެއްގައި އެ އުސޫލު ބަދަލުވެގެންދާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަދުލުވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސުޕްރީމް ކޯޓުގައި ގާއިމުކޮށްފައި ހުންނަ އިސްތިގުރާރު ހުރި އުސޫލުތަކަކީ ގާނޫނުތަކަށްވުރެ ބާރުގަދަ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.
ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބައެއް ފަރާތްތަކުން ވަކާލާތު ކުރަމުންދާއިރު، އެމަނިކުފާނުގެ އެއްވެސް ތާއީދެއް އެމްޑީޕީން ހުށަހަޅާ ”ބޮޑު ބަދަލު“ އަށް ނެތްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮންމެ ކަމެއްގައި ސީދާ ރައްޔިތުންގެ ކައިރިއަށް ގޮސްގެން ކަންކަން ނިންމުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ގާނޫނުއަސާސީ ތަންފީޒުކުރަމުންދާއިރު ފެންނަ އުނިކަންތައްތަކަކީ ހަމައެކަނި ލިޔުމުގައި ހުރި މައްސަލަތަކެއް ނޫންކަމަށާއި، އެއީ އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފެންވަރާއި ކެލިބަރ ނެތުމުން ދިމާވާ މައްސަލަތަކެއްކަމަށް ވިދާޅުވިއެވެ.

